23 Feb 2012, 01:18
ރާއްޖެ ކޮމަން ވެލްތުން ސަސްޕެންޑު ކުރިކަމަށް ބައެއް މީޑިޔާތަކުންނާއި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
ތިން ވަޒީރަކު ރައީސް އޮފީހުގައި މިރޭ ދެއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހު ސަރުކާރު ބަދަލުވުމާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ކޮމަން ވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް(ސީއެމްއޭޖީ) ގެ ބައްދަލުވުމަށް ފަހު ނެރެފައިވާ ރިޕޯޓުން ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ނޫންކަން ހާމަވެގެންދިޔަ ކަމަށާއި އަދި ކޮމަން ވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕްގެ މެންބަރަކަށް ރާއްޖެ ހިމެނިފައިވާތީ ރާއްޖޭގެ މައްސަލައެއް ސީއެމްއޭޖީ ގައި ކުރިއަށްދާ ވަގުތެއްގައި އެ ކޮމިޓީގައި ރާއްޖެ ނުހިމެނުމަކީ ކޮމަން ވެލްތުން ރާއްޖެ ސަސްޕެންޑުކުރުން ނޫން ކަމަށެވެ.
"މި މައްސަލަ އެޖެންޑާކޮށްފައިވާއިރު އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ހަމައެއް ނޫން އެމީހަކަށް ދައުވާ ރައްދުވާ މައްސަލައެއްގައި އެމީހަކު ފަނޑިޔާރުކަން ކުރުން އެއީއިންސާފުގެ ހަމަ ތަންދޭ ކަމެއް ނޫން. އެހެވީމަ މި މައްސަލަ ކުރިއަށްދާއިރު ރާއްޖެ މި ގްރޫޕުގައި ހިމެނިފައިވާއިރު ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕުގައި ނުއިށީންނާނެކަމަށް ވަނީ ބުނެފައި. ރާއްޖެ މުޅި ކޮމަންވެލްތުން ސަސްޕެންޑުކުރުން ކަމަށްދޭހަވާ ގޮތަށް ބައެއް މީޑިޔާތަކުން ވާހަކަ އެބަ ދެކެވޭ. އެއީ ހަގީހަތާއި ހިލާފު ވާހަކެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ރާއްޖެ އާއި ގުޅޭ ބައެއް ކަންތައްތައް ކުރިއަށް އޮތްތާނގައިވެސް ސީއެމްއޭޖީން ބަލަމުންދާނެ ކަމަށް ބުނެފައި ވުމާއެކު ރާއްޖޭގެ މައްސަލައެއް ބަލަމުންދާ އިޖުރާތުގެ ތެރޭގައި ނުހިމެނުމަކީ މީގެކުރިން ވެސް ކަންކަން ހިނގާފައިވާގޮތް ކަމަށާއި އެކަމުގައި ކޮމަން ވެލްތުން ނިންމާ ފައިވާ ނިންމުމަކީ ވަރަށް އަދުލުވެރި ނިންމުމެއް ކަމަށެވެ.
ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކޮމަން ވެލުތުން ރިކޮމަންޑްކޮށްފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ މިހާރު ވެސް ސަރުކާރުން ކުރަން ފައްޓަވާފައިވާ ކަންކަން ކަމަށާއި އެގޮތުން ސަރުކާރު ބަދަލުވީގޮތް ތަހުގީގުކުރުމަށް އެކުލަވާލެވިފައިވާ ތަހުގީގު ކޮމިޓީގެ ބޭފުޅުންނަށް އެހީތެރިވުމުގެ ގޮތުން ބައިނަލް އަގުވާމީ އެހީތެރިކަން ހޯދަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށާއި އަދި މިއަހަރުތެރޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ކޮމަން ވެލްތުން ރިކޮމަންޑުކޮށްފައިވީ ނަމަވެސް މީގެ ކުރިންވެސް ސަރުކާރުން ވާނީ ހުރިހާ ސިޔާސީ ޕާޓީތައް އެއްބާސްވާނަމަ ރިޔާސީ އިންތިޙާބެއް ބާއްވާނެ ކަން އިއުލާންކޮށްފައި ކަމަށެވެ.
"މިކަމުގައި ސަރުކާރުގެ ޕޮޒިޝަނަކީ ކުރިން ވެސް ރައީސް ޑރ. ވަހީދު ވިދާޅުވެފައި އޮންނާނެ ހުރިހާ ފަރާތްތަކުން އެއްބަސްވާކަމުގައި ވަންޏާ އިންތިހާބަކަށް ވަޑައިގަންނަވާނެކަން ގައުމުގެ މަސްލަހަތުގައި މިކަމަކީ އެއްބަސްވެވޭކަމަކަށް ވާނަމަ ސަރުކާރު ފަސްޖެހޭ ކަމަކަށް ވެގެންނެއް ނުދާނެ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ކޮމަންވެލްތުން ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މާޗް އެއްވަނަ ދުވަހު ހުޅުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްކުރުމާއި އިންތިހާބު ބޭއްވުމަށްޓަކައި ގާނުނޫ އަސާސީ އިސްލާހުކޮށް އިންތިހާބުބޭއްވުމަށް ޓަކައި ބޭނުންވާ އެހެން ގާނުނޫތައް ފާސްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ކޮމަންވެލްތުގެ ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުން ގެންދިއުމުގެ ސަބަބުން ޓޫރިޒަމް ސެކްޓާއަށް ގެއްލުންވެ ޓުރެވެލް ބޭން ކޮށްފިކަމުގެ މައުލޫމާތުތަކެއް ބަޔަކު ފަތުރަމުންދާތީ އެކަންކަން އެގޮތަށް ވެގެން ނުދާކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކޮމަންވެލުތުގެ ބަޔާނުގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ވަގުތުގައި ދުސްތޫރީ ގޮތުން ހިލާފުކަމެއް ހުރި ކަން ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ކޮމަންވެލުތުން ނެރުނު ބަޔާނަށް ސަރުކާރުން ވަރަށް ބޮޑަށް މަރުހަބާކިޔާކަމަށް ވެސް ޑރ. ޖަމީލު ވިދާޅު ވިއެވެ.
ކޮމަން ވެލްތުން މިރޭ ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކަންތައްތައް ހިނގާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތައް ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅާ ބުނަން ނޭނގޭ ކަމަށެވެ. އަދި ހާދިސާ ތަހުގީގުކުރުމަށް ސަރުކާރަށްވަނީ ގޮވާލާފަ އެވެ.
އަދި އެ ބަޔާނުގައި ބުނެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި، މިނިވަންކަމާ އެކު ތަހުގީގުކުރަން ޖެހޭނެ ކަމަށާއި އެކަން ތަހުގީގުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިކުރަން ޖެހޭނެ ކަމަށް ވަރުގަދަ އަށް ގަބޫލުކުރާ ކަމަށެވެ.