29 Aug 2021, 17:27
އެޗްޑީސީ އިން ހުޅުމާލޭގައި ހިންގާ ރަށްވެހި ދަނޑުވެރިކަން ނުވަތަ "އާބަން ފާމިން" މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމުގެ ފުރުސަތު ލިބުނު ފަރާތްތަކުން ދަނޑުވެރިކަމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
އެޗްޑީސީއިން ބުނި ގޮތުގައި އާބަން ފާމިންގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގައެވެ.
ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 26،877.19 އަކަފޫޓުގެ ބިން، 16 ޕްލޮޓަށް ބަހާލައިގެން ދަނޑުވެރިކަން ކުރުމުގެ ފުރުސަތުދޭން އެޗްޑީސީއިން ހުޅުވާލީ މިދިޔަ އަހަރުގައެވެ.
އަދި އެ ފުރުސަތު ހޯދުމަށް ޖުމްލަ 393 ފަރާތަކުން ފޯމު ހުށަހެޅިއެވެ.
އެގޮތުން އަންހެނުންނަށް ހާއްސަ ކެޓަގަރީއަށް 168 ފޯމު ހުށަހަޅާފައިވާ އިރު ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް 78 ފޯމު އަދި އެހެނިހެން ކެޓަގެރީއަށް 147 ފޯމު ހުށަހަޅައިފައިވެއެވެ.
އޭގެ ތެރެއިން ދަނޑުވެރިކަން ކުރަން ފުރުސަތު ދިނީ އެ ތިން ގިންތިން ގުރުއަތުން ހޮވުނު 16 ގްރޫޕަކަށެވެ. އޭގެއިން ކޮންމެ ގްރޫޕެއްގައި ތިން މީހުން ހިމެނެއެވެ.
ގުރުއަތުން ހޮވުނު 48 ފަރާތަކަށް ޚާއްސަކޮށްގެން އެޗްޑީސީން އޭޕްރިލް މަހުން ޖޫން މަހަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ.
މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސާޗް އެންޑް އެގްރިކަލްޗާ، އިން ހިންގި އެ ޓްރެއިނިންގައި ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ދިން ކަމަށް އެޗްޑީސީން ބުންޏެވެ.
ރަށްވެހި ދަނޑުވެރިކަމުގެ ޕްރޮގްރާމަކީ އެޗްޑީސީން ފުރަތަމަ ފަހަރަށް ބޭރުގެ ބަޔަކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެވެ.
އެގޮތުން މި މަޝްރޫއު އެ ކުންފުނިން ހިންގަނީ ޖަަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީއާ ގުޅިގެންނެވެ.
އާބަން ފާމިންގެ ނަމުގައި އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޮވިޑް-19ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވިއެވެ.