23 Feb 2012, 00:13
މިދިޔަ މަހު 14 އިން ފެށިގެން މި މަހު އަށެއްގެ ނިޔަލަށް ރާއްޖޭގައި ހިނގާ ދިޔަ ކަންތައްތަކާއި ވެރިކަން ބަދަލުވީ ގޮތް ބަލައި ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ނޭޝަންލް އިންކްއަރީ ކޮމިޝަންގެ މެންބަރުކަމުން އޯލްޕާޓީ ޓޯކްސް ވިލަރެސް ކުރައްވާ ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ ވަކިކޮށްފި އެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު ވިދާޅުވީ މުޖުތަބާ އެ ކޮމިޝަނުން ވަކިކޮށް އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރަން ނިންމީ މުޖުތަބާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އާޒިމާ ވިދާޅުވީ މިއަދު ބޭއްވި ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައި މުޖުތަބާ އެގޮތަށް އެދިވަޑައިގަތީ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސް ކުރައްވާއިރު ކޮމިޝަންގައި މަސައްކަތް ކުރެއްވުމުގައި ފުށުއެރުންތަކެއް ދިމާވެދާނެތީ ކަމަށާއި މުޖުތަބާއަށް ދެ މަސައްކަތަށް ވަގުތު ދެއްވުމަށް ވެސް ދަތިތަކެއް ހުރުމާއެކު ކަމަށެވެ.
އެކަމަނާ އަދި ވިދާޅުވީ މުޖުތަބާގެ ބަދަލުގައި އެހެން ބޭފުޅަކު މިރޭ ނޫނީ މާދަމާ އެ ކޮމިޝަނަށް ރައީސް އައްޔަންކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅެއް ކަމެއް އާޒިމާ ވިދާޅެއްނުވެ އެވެ.
އިންކްއަރީ ކޮމިޝަންގެ އިސް ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އިސްމާޢީލް ޝަފީއު އެވެ. ދެން ކޮމިޝަންގައި ތިއްބަވަނީ މުޖްތަބާގެ އިތުރުން ޑރ. އިބްރާހީމް ޔާސިރު އަހުމަދެވެ.
އެ ކޮމިޝަނުން ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތުގެ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި އެޓާނީ ޖެނެރަލަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.