ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ އާންމު މެންބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް އާންމުކޮށް އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ވޯޓުގައި ބައިވެރިވާން ރެޖިސްޓްރީކުރުމުގެ ފުރުސަތު (އެމްއެމްސީ) އިން ހުޅުވާލައިފިއެވެ.

އެމްއެމްސީގެ އާންމު މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާފައި ވަނީ ތިން ފަރާތެކެވެ. އެއީ:

  • މުހައްމަދު ޝާފިއު، ޝަރުތު، ބ. ތުޅާދު

  • އަހުމަދު ވަހީދު އަލީ، ވެހި، ހއ. ކެލާ
  • އާއިޝަތު ހުސައިން މަނިކު، ހ. ރީދޫކޮކާގެ، ކ. މާލެ

އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް މީޑިއާ ކައުންސިލުން ވަނީ ހުޅުވާލާފައިވާއިރު، މިއަދުން ފެށިގެން ހަފްތާ ބަންދު ދުވަސް ނޫން ފިޔަވައި މި މަހުގެ ބާކީ އޮތް ދެވަސްތަކުގައި ރެޖިސްޓްރޭޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އެ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ފޯމްތައް ބަލައިގަންނާނެކަމަށް އެމްއެމްސީގެ އިއުލާނުގައިވެއެވެ. އެ އިންތިހާބުގައި ވޯޓު ލެވޭނީ ރެޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް، ހޯމް މިނިސްޓްރީގެވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ.