24 Aug 2021, 23:06
ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކުރީގެ މަޝްރޫހު ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.
"ސަން"އަށް އެގިފައިވާ ގޮތުގައި މުސާ މަނިކު ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މިރޭގެ ވަގުތެއްގައެވެ.
ޗިޅިޔާ މޫސާ މަނިކަކީ، ރާއްޖޭގެ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި އާ ނަމަކަށް ނުވާނެއެވެ.
ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިއަދުވެސް ހަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅަކީ، ޗިޅިޔާއެވެ. ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސް މެއެވެ.
ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓީވީ މޯލްޑިވްސުން ތައްޔާރު ކުރި "މުހައްމަދު ތަކުރުފާނު" އާދެ! "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ.
މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ، ފިލްމީ ދާއިރާގައިވެސް މުސްތަގްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔައީ، ހަގީގަތާ އެއްގޮތަށް އޭނާ އެ ދެއްކި މޮޅު ހުނަރުގެ ސަބަބުންނެވެ.
ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވުނީ ތަމްސީލު ކުޅުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދީފައެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފެށިފަހުން މިއަދާ ހަމައަށް ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ. މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅެފައެވެ.
މިހާތަނަށް 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކޮށްފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.
ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔެގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯދާފައިވެއެވެ.
މިރޮނގުން އޭނާ އެންމެ ފަހުން ހާސިލު ކުރި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.