24 Aug 2021, 22:16
މޯލްޑިވިއަން ޑިމަކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެހެން އެ ޕާޓިއަށް ނިސްބަތްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ކެންޑިޑެންސީ ބާތިލްކޮށްފައިވަނީ ރަނގަޅަށް އެ ޕާޓީގެ ޝަކުވާ ބަލާ ކޮމިޓީން ކަނޑައަޅައިފިއެވެ.
މިރޭ އެ ޕާޓީގެ ޝަކުވާ ބަލާ ކޮމިޓީން މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަހުލޫފުގެ ކެނޑިޑެންސީ ބާތިލްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
"24 އެޕްރީލް 2021 ގައި ގައުމީ ހިންގާ ކޮމިޓީގެ ގަރާރުގައިވާ ގޮތުގެ މަތިން ދާއިރާގެ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައި ވާގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުވަތަ އެއްވެސް އިދާރާއަކަށް ފިނުވާފައިވާ ފަރާތެއް ނަމަ އެ ފަރާތަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ފުރިހަަމަނުވާ ކަމަށް ކަނޑައަޅާފައިވޭ،" ސިޓީގައި ބުންޏެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ އެމްޑީޕީގެ އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އެ ޕާޓިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާއި ހިލާފުނުވާނަމަ ކަމަށެވެ.
ނަމަވެސް މަހުލޫފްވަނީ ތަކުރާރުކޮށް މި މައްސަލައާ ގުޅިގެން އެތައް ފަހަރެއްގެ މަތިން ވާހަކަދައްކަވާފައެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވެންވީ ސަބަބެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.
މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްސަލައެއް ބަލާކަން އަންގާފައިވާތީވެއެވެ.
ނަމަވެސް މަހުލޫފު ލިޔުއްވި ޝަކުވާގެ ސިޓީގައިވާ ގޮތުން، އެފަދަ ސަބަބަކާ ހެދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް، އެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައެއް ނުވެއެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަހުލޫފު ބުނެއެވެ.
މީގެ އިތުރުން، އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ޝަރުތުތައް، އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަން ޖެހޭ ކަމަށް ބުނެފައިވާކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް އެމްޑީޕީން ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން 24 އޭޕްރިލްގައި ހުޅުވާލިއިރު އާންމު ކުރި އިއުލާންގައި ނެތް ޝަރުތުތަކެއް 27 އޭޕްރިލްގައި ނެރެފައިވާ އިއުލާނެއްގައި ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން މިއަދު މަހުލޫފްވަނީ އޭނާއަށް އަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.
މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ. ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.