އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ފައިޒާ ވެކްސިން ދޭނީ އެހެން އެއްވެސް ވެކްސިނެއް ފުރިހަމަކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

ރާއްޖޭގައި މިހާރު ފައިޒާ ވެކްސިން ޖަހަމުން އަންނަނީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ގަޔަށެވެ.

އެގޮތުން މިހާތަނަށް ވެކްސިންޖެހޭ އުމުރުގެ ކުދިންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ކުދިން ވަނީ ވެކްސިން ގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސްކޫލެއްގައި ނޫޅޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު އަންހެނުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނަށް ކަމަށެވެ.

މީގެއިތުރުން މިއަދު އަލަށް އިތުރުކުރި ކެޓަގަރީ ކަމަށްވާ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ވެކްސިނެއް އަދި ނުޖަހާ މީހުންނަށް ފައިޒާ ވެކްސިން ދޭނެއެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް ފައިޒާ ވެކްސިން ޖަހައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިހާރު ޖަހަައިދެމުން އަންނަނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިނެވެ.

އެމެރިކާއިން ހަދިޔާކޮށްފައި ވަނީ 128،700 ފައިޒާ ވެކްސިންގެ ޑޯޒެވެ.