24 Aug 2021, 19:19
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރާ ޖޫނިއާ ކޮލެޖުތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތައް ބިނާކުރުމަށްޓަކައި ކުރަންޖެހޭ ޑިޒައިންގެ މަސައްކަތްތައް ބިޑު އުސޫލުން ހުޅުވާލެވި އާކިޓެކްޗަރަލް ފާމްތަކާއި މިހާރު ހަވާލުކުރެވިފައިވާކަމަށެވެ.
އެގޮތުން އިއްޔެ ވަނީ މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ރ. އަލިފުށި އަދި ފުވައްމުލައް ސިޓީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު ސްޓޭޓް އޮފް ދަ އާޓްސް ސެންޓަރުގެ ނަމުގައި އަޅާ އިމާރާތުގެ ޑިޒައިން މަސައްކަތްވަނީ އިޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފައެވެ.
ހަމައެއާއެކު ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖްގެ ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކުރުމަށްވެސް ހަވާލުކޮށްފައިވަނީ އިޕޮކް އެސޯސިއޭޓްސްއާއެވެ.
ހަމައެއާއެކު ކުޅުދުއްފުށި ސިޓީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރާއި ކ. ތުލުސްދޫގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޕޮލިޓެކްނިކް މަރުކަޒުގެ ޑިޒައިން މަސައްކަތްވަނީ ސިއާކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މިނިސްޓްރީން ބުނީ މި މަރުކަޒުތައް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުންކަމަށެވެ.
އަދި މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް އެ ކޮލެޖްތައް ގާއިމް ކުރާ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ކޮލެޖްތައް ގާއިމް ކުރުމުން އެކި ދާއިރާތަކުގެ މާހިރުންގެ އެހީތެރިކަން ލިބިގެން ފަންނުތައް ކުރިއަރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.