ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް ޑރ. ޙަސަން ސަޢީދު، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމޮންވެލްތް އޮފީހުގެ ޕާލިމެންޓަރީ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް އެލިސްޓާ ބަޓްއާ ބައްދަލުކުރައްވައިފި އެވެ.

ލަންޑަންގައި ހުންނަ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައި އޮތް މިބައްދަލަކުރެއްވުމުގައި، ރާއްޖޭގެ އެތެރޭގެ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކާއެކު ވެސް މަޝްވަރާކުރުމަށް އިސްކަންދެއްވުމަށް ބާރު އެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ނޭޝަނަލް އެންކުއަރީ ކޮމިޝަން އުފެއްދެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވި އެވެ.

އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ގޮންޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ތިއްބެވީ ވަކި އަތަކަށް ނުޖެހި ކަމަށާއި އެބޭފުޅުންގެ ހަމައެކަނި ބޭނުންފުޅަކީ ވެރިކަން ބަދަލުވެގެން ދިޔަގޮތުގެ ޙަޤީޤަތް ހޯދުންކަމުގައި ވެސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.