24 Aug 2021, 17:11
މެނީލާ ( އޮގަސްޓް 24): އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި ރައީސް ރޮޑްރިގޯ ޑުޓާޓެ ގެ ޕާޓީގެ ފަރާތުން ގައުމުގެ ރިޔާސަތަށް ވާދަކުރާނީ އޭނާ ނޫން ކަމަށް އެޕާޓީން ބުނެފިއެވެ.
ޑުޓާޓެގެ ޕާޓީ ކަމަށްވާ "ޕިލިޕީންސް ޑިމޮކްރެޓިކް ޕާޓީ ޕީޕަލްސް ޕަވާ" (ޕީޑީޕީ ލަބަން) އިން ބުނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަންނަވާނީ ޕާލަމެންޓްގައި އެޕާޓީ ތަމްސީލް ކުރައްވާ ސީނިއާ މެންބަރެއްކަމަށްވާ ކްރިސްޓޮފާ ގޯ ކަމަށާއި ގޯގެ ރަނިންމޭޓަކަށް ވެ ވަޑައިގަންނަވާނީ މިހާރުގެ ރައީސް ޑުޓާޓެ ކަމުގައެވެ. ކްރިސްޓޮފާ ގޯ ގެ ރަނިންމޭޓް ކަމަށް ނުކުންނެވުމަށް ނިންމެވީ ޑުޓާޓެ އަމިއްލަފުޅަށްކަމަށްވެސް "ޕީޑީޕީ ލަބަން" އިން ބުނެފައިވެއެވެ.
އެ ޕާޓީ ބުނާގޮތުން ކްރިސްޓޮފާ ގޯ އަށް ރިޔާސީ ޓިކެޓް ދިނުމާއި ޑުޓާޓެ އަށް ރަނިންމޭޓް ކަމުގެ ޓިކެޓް ދިނުމުގެ ކަންތައް ރަސްމީކޮށް ފައިނަލްކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ އައްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސް އިންނެވެ.
2016 ވަނައަހަރު ބޭއްވި ރިޔާސީ ކާމިޔާބު ކުރައްވައިގެން ޑުޓާޓެ ފިލިޕީންސްގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އޭނާވަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފައްޓަވާފައެވެ. މިހަނގުރާމައިގާ ފިލިޕީންސްގައި މަސްތުވާ ތަކެތީގެ ވިޔަފާރީގައި ޝާމިލްވާ އެތަށް ހާސްބަޔަކު ވަނީ މަރާލާފައެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އިންސާނީ ހައްގުތަކަށް އަރައިގަންނަކަމުގެ ބޮޑު ތުހުމަތުތަކެއް ޑުޓާޓެގެ މައްޗަށް ކޮށްފައެވެ.
ނަމަވެސް ޑުޓާޓެ ވިދާޅުވާގޮތުގައި ފިލިޕީންސްގައި މަސްތުވާތަކެތީގެ މައްސަލަވަނީ އެގައުމުގެ ވުޖޫދަށާއި ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ބޮޑު މައްސަލައަކަށް ވެފައެވެ. އެހެންކަމުން މިއީ ބޭރުގެ ފިއްތުންތަކާ ގުޅިގެން ދޫދެވޭ ވަރަށްވުރެ ގައުމުގެ ވުޖޫދާ އަދި ސަލާމަތާ ގުޅިފައިވާ ހައްސާސް މައްސަލައެކެވެ.
ޕިލިޕީންސްގައި ގޭންގްތަކާއި އެގޭންގްތަކުން ހިންގާ މާރާމާރީތަކާއި ވައްކަމުގެ އަމަލުތައް ހައްދުން ނައްޓާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގައި ފިލިޕީންސްގެ ކުރީގެ ސަރުކާރުތައް ނާކާމިޔާބުވުމުގެ ސަބަބުންކަމަށްވެސް ޑުޓާޓެ ވިދާޅުވެފައިވެއެވެ. ޑުޓާޓެ ގެ ރިޔާސީ ދައުރުނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ފިލިޕީންސްގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ކުރީކޮޅު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމަށްވަނީ ބެލެވިފައެވެ.
ޑުޓާޓެގެ ޕާޓީކަމަށްވާ "ޕީޑީޕީ ލަބަން" ގެ ރިޔާސީ ޓިކެޓް ނުލިބުމާއެކު ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޑުޓާޓެ ނިންމެވީ އޭނާގެ ވެރިކަމުގައިފައްޓަވާފައިވާ މަޝްރޫއުތައް ކުރިޔަށްގެންދެވޭނެ މާހައުލެއް ގާއިމް ކުރުމަށް މަގުފަހި ކުރުމުގެ އިތުރުން ވެރިކަމުގެ ކުޑަ ބާރެއް ނަމަވެސް ހޯދުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.