24 Aug 2021, 14:10
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މަހުލޫފް ވިދާޅުވީ، އެ މައްސަލަ އިލެކްޝަންސްއަށް ހުށަހެޅީ އޭނާއަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ފޮނުވި ޝަކުވާއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީއެވެ.
"އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިހާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ
އިލެކްޝަންސް ކޮމިޝަނަށް މިއަދު މައްސަލަ ހުށައަޅައިފިން،" މަހުލޫފް ކުރެއްވި ޓުވީޓެއްގައިވެއެވެ.
މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްސަލައެއް ބަލާކަން އަންގާފައިވާތީވެއެވެ.
ނަމަވެސް މަހުލޫފު ލިޔުއްވި ޝަކުވާގެ ސިޓީގައިވާ ގޮތުން، އެފަދަ ސަބަބަކާ ހެދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް، އެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައެއް ނުވެއެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަހުލޫފު ބުނެއެވެ.
މީގެ އިތުރުން، އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ޝަރުތުތައް، އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަން ޖެހޭ ކަމަށް ބުނެފައިވާކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީން ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާން 24 އޭޕްރިލްގައި ހުޅުވާލިއިރު އާންމު ކުރި އިއުލާންގައި ނެތް ޝަރުތުތަކެއް 27 އޭޕްރިލްގައި ނެރެފައިވާ އިއުލާނެއްގައި ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.
މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ. ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި އަލުންދީފައެވެ.