24 Aug 2021, 14:51
އެލައިޑް އިންޝުއަރަންސްއިން އެކުންފުނީގެ ފުރަތަމަ ކްލަބްހައުސް އިވެންޓް އިއުލާންކޮށްފިއެވެ.
މިފަހަކަށް އައިސް މަގުބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކްލަބްހައުސްގައި އެލައިޑުން ބާއްވާ ސެޝަން ތާވަލްކޮށްފައިވަނީ މާދަމާ ރޭ 20:30 އަށެވެ. "ރައްކާވެތިބިއްޔާ"ގެ ނަމުގައި ސީރީޒްއެއް ގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އިވެންޓްގެ ފުރަތަމަ ސެޝަން ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ "ފަޔާ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓާސް އޯލް ރިސްކް" އަށެވެ.
ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކާއި ހިދުމަތްތައް ހޯއްދެވުމުގައި ބެއްލެވުން މުހިންމު ކަންކަމަށް އަލިއަޅުވާލައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑުގައި މަސައްކަތްކުރައްވާ އިންޝުއަރަންސް ތަޖުރިބާކާރުން ކަމުގައި އެލައިޑުން ބުންޏެވެ.
މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ފަޔާ ޑިޕާޓްމަންޓުގެ އިސްވެރިއެއް ގެސްޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.
އެލައިޑުން އިންޝުއަރަންސް ކުންފުނިން ކްލަބްހައުސްގައި ބާއްވާ މި އިވެންޓްއާ ދޭތެރޭ އެކުންފުނިން ބުނީ މިއީ އާންމުންގެ ތެރޭ އިންޝުއަރަންސް ހައްލުތަކާއި ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން މިއިވެންޓުގެ ބޭނުމަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރަންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ ޒަމާނީ އަދި އީޖާދީ މަސައްކަތްތައް އެލައިޑުން ކުރުމުގައި އާންމުންގެ ހިޔާލު ހޯދާ މިފަދަ މަސައްކަތްތަކުގައި އާންމުންގެ ހިޔާލު އެކުލަވާލުމެވެ.
އަދި ކޮންމެ ބޭފުޅަކަަށްވެސް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމުގައި ވިދާޅުވެ، ހުރިހާ މީހުންނަށްވެސް މިސެޝަނުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް އެލައިޑުން ބުންޏެވެ.