24 Aug 2021, 14:17
އެވިޑް ކޮލެޖްގައި އާޓްސް އެންޑް ލިޓްރޭޗާގެ ނަމުގައި އަލަށް ފެކަލްޓީއެއް އުފައްދައި، އެ އެ ފެކަލްޓީގެ ޑީން ކަމުގައި، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހަމަޖައްސަވައިފިއެވެ.
މިއަދު ހެނދުނު އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް އަލީއަށް ޑީންގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗެއާމަން މުސްތާގް ވިދާޅުވީ އެވިޑް ކޮލެޖަކީ އަބަދުވެސް ދިވެހިބަހަށާއި، ބަހާއި ގުޅުންހުރި ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ކޮލެޖެއް ކަމަށާއި މިއަދު އިފްތިތާހުކުރެވުނު ފެކަލްޓީއަކީވެސް އެކަންކަމަށް ހާއްސަ ކޮށްގެން އުފެއްދުނު ފެކަލްޓީއެއްކަމަށެވެ.
އަދި ފެކަލްޓީގެ ޑީންގެ ގޮތުގައި އަޝްރަފް އަލީ މަސައްކަތްކުރައްވަން ފެއްޓެވުމުން އިތުރު ކާމިޔާބީތަކަށް ވާސިލްވެވޭނެކަމަށް މުސްތާގް ވިދާޅުވިއެވެ.
ފެކަލްޓީ އޮފް އާޓްސް އެންޑް ލިޓްރޭޗާގެ ޑީންގެ މަގާމުގެ ލިޔުމާއި ހަވާލުވެލެއްވެވުމަށްފަހު އަޝްރަފް ވިދާޅުވީ، އެވިޑް ކޮލެޖުން އެމަނިކުފާނަށް މަރުހަބާ ކިޔުުމުން ވަރަށް ހިތްހަމަޖެހި އުފާވާކަމަށެވެ. އަދި މާކުރިއްސުރެވެސް އެވިޑް ކޮލެޖްގައި ތަފާތު ކޯސްތަކުގައި ބަހާއިބެހޭ މާއްދާތައް ކިޔަވައި ދެއްވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަޝްރަފު ވާހަކަދައްކަވަނީ--- ފޮޓޯ/އެވިޑް
ފެކަލްޓީ އޮފް އާޓްސް އެންޑް ލިޓްރޭޗާ އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއާ މެނޭޖެމަންޓުގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ.
އެވިޑް ކޮލެޖަކީ ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަލުގައި މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންގެންދާ ކޮލެޖެކެވެ. މައުލޫމާތު ލިބުނުގޮތުގައި މިފެށޭ ސެޕްޓެމްބަރު މަހު އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ސެމެސްޓަރުގެ އެެންމެހާ ކަންކަމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.
ކޯސްތަކުގައި ޖާގަހުރި މިންވަރަކުން އެޕްލައިކުރާ ހުރިހާ ކުދިންނަށްވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެވިޑް ކޮލެޖުން ފުރުސަތު ދެމުންގެންދާނެ ކަމަށް އެވިޑުން މައުލޫމާތުދެއެވެ. އަދި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭގައި ސެމެސްޓަރުގެ ކޯސްތަކުގެ ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.