ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ސްރީލަންކާއަށް ވަޑައިގެންނެވި، ނައިބު ރައީސްގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ މުޙަންމަދު ވަޙީދުއްދީން، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، މުޙަންމަދު ވަޙީދުއްދީން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސިޓީފުޅެއް ސްރީލަންކާގެ ރައީސަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ، ރާއްޖެއާ އެންމެ އެކުވެރި އެއް ޤައުމުކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، ދެ ޤައުމުގެ ގުޅުން އަބަދުވެސް ވަރުގަދަވަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސްރީލަންކާ ސަރުކާރުން ރާއްޖެއާ ދޭތެރޭ އަބަދުވެސް ބާއްވަވާ ގާތް ރަޙްމަތްތެރި ގުޅުމަށްޓަކައި އަދި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސްރީލަންކާގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެ ދެއްކެވި ވާހަކަފުޅުގައި، މުހަންމަދު ވަޙީދުއްދީނަށް މަރްޙަބާ ވިދާޅުވި އެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ތާރީޚީ ގުޅުމަށް އިޝާރާތް ކުރައްވަމުން، ދެ ޤައުމުގެ ގުޅުން ބަދަހިކަމާއެކު ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް މަހިންދަ ރާޖަ ޕަކްސެގެ ސެކްރެޓެރީ މިސްޓަރު ލަލިތް ވީރަތުންގައާއި، ސްރީލަންކާގެ ފޮރިން ސެކްރެޓެރީ މިސްޓަރ ކަރުނާތިލަކަ އަމުނުގަމައާއި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވި އެވެ.