24 Aug 2021, 13:36
އދ. ދަނގެތިން ޕޮޒިޓިވްވި ކުއްޖާގެ އިތުރުން އެރަށުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާތީ އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
ދަނގެތި މޮނިޓަރިންގެ ހާލަތަށް ގެނައީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ސަން"އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި އުމުރުން ހަ އަހަރުގެ ކުޑަކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައި ވާކަމަށެވެ.
އޭގެތެރޭގައި އެ ކުއްޖާގެ ކްލާސް ކުދިންނާއި އާއިލާވެސް ހިމެނެއެވެ. މީގެ އިތުރުން އެރަށުން ނެގި ރެންޑަމް ސާމްޕަލްތައް ވެސް ވަނީ ނެގަޓިވްވެފައެވެ.
"ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގީ 28 ސާމްޕަލް. ނަގައިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި އެއްވެސް މީހަކު ޕޮޒިޓިވް ނުވޭ. ދެން ރަށުތެރެއިން ފްލޫ ކްލިނިކާ ރެންޑަމް ސާމްޕަލްއާއެކީގައި 100 ކޮންމެސް ވަރެއް ނެގި. ނަގައިގެން އެ ވެސް ވީ ނެގެޓިވް،" މުއާވިޔަތު ވިދާޅުވިއެވެ.
ދަނގެތިން ޕޮޒިޓިވްކަމަށް ދެއްކި ކުއްޖާގެ ނަތީޖާގެ މައްސަލައެއް އުޅޭ ކަމަށް ބެލެވޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އެއްވެސް ގޮތަކުން ނޭނގެ އެކުއްޖާ ޕޮޒިޓިވްވި ސަބަބެއް. އަޅުގަނޑުމެން މި ދެކެނީ ދެން އެއީ މައްސަލައެއްކަމަށް ރިޒަލްޓް ދެއްކުމުގަ،"
އެ ކުއްޖާއަކީ މީގެ ހަ މަސް ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުއްޖެކެވެ.