24 Aug 2021, 12:47
ދިވެހިރާއްޖޭގެ ފަޅު ރަށްރަށް ކުއްޔަށް ދޫކުރުމާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލާއި، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވައިފިއެވެ.
ދީނަށް ފުރައްސާރަކުރުން ހުއްޓުވަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައާއި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަަމަލުން ފުރައްސާރަކުރުމަކީ ކުށެކެވެ.
އެ ބިލުގެ ބަހުސްގައިވެސް ގިނަ މެންބަރުންނެއް ވަނީ އެ ބިލަށް ތައީދުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމައި ބިލު ދިރާސާކުރުމަށް މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅި އެ ބިލު ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވީ 43 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މިއަދު ކޮމިޓީއަށް ފޮނުވި ދެވަނަ ބިލަކީ ދިވެހިރާއްޖޭގެ ފަޅު ރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، ވަކިކުރުމާއި، ޓޫރިޒަމްގެ ބޭނުމަށް ފިޔަވައި އެހެން ކަންކަމަަށް ކުއްޔަށް ދޫކުރުމާއި، ފަޅު ރަށްރަށުގައި ރުއްގަސް އިންދުމާއި ކެނޑުމާއި، ފަޅުރަށްރަށާ ބެހޭ އެހެނިހެން ކަންކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.
އެ ބިލު ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ، ވޯޓުގައި ބައިވެރިވީ 43 މެންބަރުންގެ އިއްތިފާގުންނެވެ.
ފަޅުރަށްރަށާ ބެހޭ ގަނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނާގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށް ފިޔަވައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އަދި އެ ފަރާތްތަކުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
އެހެންކަމުން މި އިސްލާހުން، އެ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލުތަކަށް ލިބިގެންދާނެއެވެ.
އަދި ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށެށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ކަނޑައަޅައިފިނަމަ، އެ ރަށެށް ކައުންސިލްގެ އިހުތިސޯސުން ވަކިކުރަންވާނެ ކަމަށްވެސް ބިލުގައި އިތުރަށް ބުނެފައިވެއެވެ.