ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހާ ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ ރައީސް ނަޝީދަށް އިންޒާރު ދިން މީހާގެ މުއްދަތު ޖަހަން ހާޒިރު ކުރީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. އަދި އޭނާ ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ ކަަމަށެވެ.

އޭގެ އިތުރުން އޭނާގެ ބަންދުގެ މުއްދަތަކަށް 15 ދުވަސް ޖަހާފައިވާކަންވެސް ފުލުހުން ފާހަގަކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހާ ވަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު އެނބުރި މާލެ އަތުވެއްޖެނަމަ "އަބޫ ޖަހުލަށް ހެދި ގޮތް ހަދާނޭ" ކަމަށް ބުނެފައެވެ. އަދި އެއީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހައްޔަރު ކުރީ ރ. މީދޫއިންނެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ މޭ ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ވަނީ މިފަހުން މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެނބުރި ރާއްޖެއަށް އައުމަށް ފަސްޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.