އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވެ ޕްރެޝަރު ބޮޑުވެފައިވާ އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ފުރުސަތު ދީފިނަމަ ޓީމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް އާސެނަލުގެ ކުރީގެ ޑިފެންޑަރު ސޮލް ކޭމްޕްބެލް ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި އާސެނަލްއަށް އަދި ލީގުގައި ލަނޑެއް ކާމިޔާބެއް ނުވެއެވެ. މިވަގުތު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައެވެ. މިއީ އެ ކުލަބުގެ ތާރީހުގައިވެސް ލީގުގެ މިހާ ކުރީކޮޅު ރެލިގޭޝަން ޒޯނަށް ޓީމު ވެއްޓުނު ފުރަތަމަ ފަހަރެވެ.

އާސެނަލުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި 130 މިލިއަން ޕައުންޑް ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު އެކުލަބަކީ މިފަހަރުގެ ޓްރާންސްފާގައި އެންމެ ބޮޑު ހަރަދެއް ކުރި އިނގިރޭސި ކުލަބެވެ. އެހެން ނަމަވެސް އެ ހަރަދާ އެއްވަރުގެ ނަތީޖާއެއް ކުލަބަށް ނުނެރެވި ސަޕޯޓަރުންގެ މާޔޫސްކަން އިންތިހާއަށް އިތުރުވެ، ޓީމުގެ ކޯޗަށް އޮތް އިތުބާރުވެސް ވަނީ ގެއްލިފައެވެ.

އާސެނަލާއެކު ދެ ފަހަރެެއްގެ މަތިން އިނގިރޭސި ލީގު ކާމިޔާބު ކުރި ކޭމްޕްބެލް ބުނީ ޓީމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އަދި އާޓެޓާއަށް އެކަންކަން ފާހަގަނުވަނީ ކީއްވެގެންކަން ނޭނގޭކަމަށާއި އާސެނަލުން ފުރުސަތު ދީފި ނަމަ ޓީމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.

"އާސެނަލްގެ މެޗުތައް ބެލުމަކީ އުނދަގޫ ކަމަކަށް ވެއްޖެ. މުޅި އިނގިރޭސިވިލާތުގައި ވެސް އެންމެ ބޮޑު ހަރަދެއް ކުރީ އަހަރުމެން. އެކަމަކު ގެނައީ މުޅިން ވެސް ޒުވާން ކުޅުންތެރިން. ޓީމުގައި ތަޖުރިބާއާއި ކޮލިޓީ އެއްގޮތަކަށްވެސް ނެތް،" ކޭމްޕްބެލް ބުންޏެވެ.

މިކެލް އާޓެޓާގެ ކޯޗު ކަމުގައި މިހާތަނަށް އާސެނަލުން ލީގުގައި ކުޅުނު 60 މެޗުގެ ތެރެއިން 20 މެޗުން ވަނީ ބަލިވެފަ އެވެ.

"ބައެއް ކުޅުންތެރިންނަށް ފުޓުބޯޅައިގެ ބޭސިކް ވެސް އޮޅިފައި ހުރި މަންޒަރުތައް މެޗުތަކުން ފެންނަނީ. ބޯޅަ ގެއްލުނީމާ ދެން ހަދަން ޖެހެނީ ކިހިނެތްކަން ވެސް ނޭންގޭ. ވަރަށް އާދައިގެ މިސްޓޭކްތައް ހަދައިގެން ގޯލުތައް ވަދެފައި ހުރީ. މިއީ ކިޔައިދީގެން ރަނގަޅު ކުރެވޭނެ ކަންކަން،"

"އަހަރެން ބުނެލަން ބޭނުމީ އާސެނަލުން ފުރުސަތު ދީފިއްޔާ ފުރުސަތު ނަގާނަމޭ. ބްރެންޓްފޯޑް ފަދަ ކުލަބުތައް ކައިރީ ކުޅެން ޖެހޭ ގޮތް ވަރަށް ރަނގަޅަށް ކިޔައިދޭނަން." ކޭމްޕްބެލް ބުންޏެވެ.