22 Feb 2012, 22:24
މި މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކަންތައްތައް ހިނގާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތައް ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅާ ބުނަން ނޭނގޭ ކަމަށް ބުނެ އެ ހާދިސާ ތަހުގީގުކުރުމަށް ކޮމަން ވެލްތުން ގޮވާލައިފި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް( އެމްއޭސީޖީ) އިން ރާއްޖެ އަށް ފޮނުވި މިޝަން އިން އެއްކުރި މައުލޫމާތުތައް ދިރާސާ ކުރުމަށް ފަހު އެ ގްރޫޕުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ލިބިފައިވާ ވަގުތުގައި، ފެބްރުއަރީ ހަތެއް 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެގްރޫޕުން އެއްބަސްވާ" ކަމަށެވެ.
މިމަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި، މިނިވަންކަމާ އެކު ތަހުގީގުކުރަން ޖެހޭނެ ކަމަށާއި އެކަން ތަހުގީގުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިކުރަން ޖެހޭނެ ކަމަށް ވަރުގަދަ އަށް ގަބޫލުކުރާ ކަމަށް ވެސް ކޮމަން ވެލްތުގެ ބަޔާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ޝަރުތެއް ނެތި ވާހަކަތައް ފައްޓަވައި، މި އަހަރުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ތާރީހަކާ މެދު އެއްބަސް ވެވަޑައިގަތުމަށް ވެސް އެބަޔާނުގައި ގޮވާލާފައިވެ އެވެ.
އިންތިހާބެއް އަވަހަށް ބޭއްވުމަށް ކުރަން ޖެހޭނެ ކަމަށް ކޮމަން ވެލްތުން ގަބޫލުކުރާ ގިނަ ކަންތައްތަކެއް ވެސް އެ ޖަމާއަތުގެ ބަޔާނުގައިވެ އެވެ. އެގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ސުލްހަވެރިކަމާ އެކު އިންތިހާބެއް ބޭއްވުމުގެ ޔަގީންކަން ލިބިދޭ ފަދަ ބަދަލުތަކެއް ގާނޫނުތަކަށް ގެނައުމަކީ މުހިއްމު ކަމެއް ކަން ފާހަގަކޮށްފައިވެ އެވެ.
ކުރީގެ ރައީސް ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަށް ވެސް ކޮމަން ވެލްތުން ވަނީ ގޮވާލާފަ އެވެ.
ވެރިކަން ބަދަލުވި ގޮތާ މެދު އުފެދިފައިވާ ސުވާލުތައް އަދި ވެސް އެގޮތުގައި އެބަހުރި ކަމަށާއި، ރާއްޖެ އޮތީ އަދިވެސް ނާޒުކު ފައްތަރެއްގައި ކަމަށް ބުނެ، ކޮމަން ވެލްތުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައި ބާއްވަން ފެންނަ ކަމަށް އެމްއޭސީޖީގެ ބަޔާނުގައިވެ އެވެ.