އިނގިރޭސިވިލާރުގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން އެނބުރި ގައުމަށް ނުދެވޭނެކަމަށް ކުލަބުން އޭނާއަށް އަންގައިފިއެވެ. އިންގްލިޝް ޕްރިމިއާ ލީގުގެ ވާދަވެރިކަން ހިއްޕާލައި، ސީޒަން ފެށިގެން ކުރިއަށްދާ އިރު އަންނަ މަހަށް ތާވަލުކޮށްފައި އިންޓަނޭޝަނަލް ބްރޭކުގެ މެޗުތަކަށް ސަލާހު ފޮނުވެން ނެތްކަން ލިވަޕޫލުން އެ ގައުމުގެ ފުޓުބޯޅަ އިދާރައަށް ވަނީ މިހާރު އަންގައިފައެވެ.

އެގޮތުން ލިވަޕޫލުން މިސްރުގެ އެފްއޭއަށް މައާފަށް އެދެމުން ފޮނުވި ސިޓީގައި ބުނެފައިވަނީ ސަލާހު ފޮނުވެން ނެތީ ކޮވިޑް ރިސްޓްރިކްޝަންސްގެ ސަބަބުން ކަމަށެވެ. އަދި މިސްރުން ކޮލިފައިންގްގައި ކުޅޭ ބައެއް މެޗުތަކަށް ދަތުރު ކުރަން ޖެހޭ ގައުމުތަކަކީ އިނގިރޭސިވިލާތުގެ ރަތް ލިސްޓުގައި ހުރި ގައުމުތަކަށްވެފައި އެ ގައުމުތަކުން އެނބުރި އިނގިރޭސިވިލާތަށް އަންނަ ނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެކަން އެ ސިޓީގައި ލިވަޕޫލުން ފާހަގަކޮށްފައިވެއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު އެންގޯލާއާ ދެކޮޅަށް ކުޅޭ މެޗާއި ފަސްވަނަ ދުވަހު ގަބޮންއާ ދެކޮޅަށް މިސްރުން ކޮލިފައިންގައި ނުކުންނަ އިރު، އެންގޯލާއާއި ސަލާހު ނިސްބަތްވާ މިސްރަކީ ވެސް އިނގިރޭސިވިލާތުގެ ރަތް ލިސްޓުގައި އޮތް ގައުމުތަކެވެ. އެހެން ނަމަވެސް ގެބޮންއާ ދެކޮޅަށް ކުޅޭ މެޗަށް ސަލާހުއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ލިވަޕޫލުން ވަނީ އެ ކުލަބުގެ އިތުރު ބައެއް ކުޅުންތެރިންތަކެއް ވެސް ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގް މެޗުތަކަށް ދިއުން ހުއްޓުވައިފައެވެ. އެގޮތުން ބްރެޒިލްގެ ތިން ކުޅުންތެރިން ކަމަށްވާ ރޮބާޓޯ ފިރްމީނިއޯ، އެލިސަން އަދި ފެބީނިއޯއަށް ވެސް ލިވަޕޫލުން ގައުމީ ޓީމާ ގުޅެން މިވަގުތު ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ.