"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ، ގިނަ ދުވަސްތަކަކަށްފަހު ކުލާސް ކުދިންނާ ދިމާވެގެން ކިޔަވަން ޗާންސް ލިބުނީމަ އެކަމާ ވަރަށް އެކްސައިޓް ވެފަ މިހުންނަނީ، އޮންލައިން ކްލާސްތަކަށް އަނެއްކާ ދާން ނުޖެހިއްޖިއްޔާ ރަނގަޅު،" ގިނަ ދުވަސްތަަކަކަށް ފަހު ކޮލެޖަށް ހާޒިރުވެގެން ކިޔަވަން ފެށުމާ ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކައިރީގައި ހުއްޓިލައިގެން ހުރި ދަރިވަރަކު ކިޔައިދިނެވެ. ހަގީގަތުގައި 2020 ވަނަ އަހަރުގެ މާޗު މަހު ދިވެހިރާއްޖެއަށް ބިންދާލި ކޮވިޑް-19ގެ ރާޅާއެކު އެކި ދާއިރާތަކުގެ އެކި ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ގޮތަށް ގިނަ ބަދަލުތަކެއް އައެެވެ. އެގޮތުން އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުނެވެ. ސުކޫލްތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވުން ހުއްޓި އޮންލައިން ކުލާސްތަކަށް ބަދަލު ކުރެވުނެވެ. ޓީޗަރުންނަށްވެސް ދަރިވަރުންނާ ބައްދަލު ނުކުރެވި ސްކްރީނަކުން ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު "ފާރެއް" ރޭނުނެވެ.

އެ ދަނޑިވަޅު ހަމަ ޔަގީނުން ވެސް އެއްވެސް މީހަކު ހުރީ އެފަދަ ހާލަތަކަށް ތައްޔާރު ވެގެންނެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް އޮންލައިން ކްލާސްތަކުގައި ކިޔަވަން އުނދަގޫވެ ޓީޗަރުންނަށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ހޭނުމުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. އެތައް ޓީޗަރުންނަކާއި ދަރިވަރުންނެއް މި ކަންކަމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމަަކަށް ހުށަހެޅުނު ކަމީ ހިތި ހަގީގަތެވެ. ނަމަވެސް އެ ދަތި އުނދަގޫތަކާއެކު ވެސް ޓީޗަރުންނާއި ދަރިވަރުން ވެސް ދިޔައީ ނެތް ހިތްވަރު ނެރެ ކެތްތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.

އޮންލައިން ކްލާސްތަކުގައި "ގަނަތެޅޭތާ" އެތައް ދުވަހެއް ފަހުން މިއަދު އެކަން މިވަނީ ނިމުމަކަށް އައިސްފައެވެ. މިދިޔަ އަހަރު ފަޅުވެފައި ހުރި ސުކޫލްތަކުގެ ތެރެއިން މިއަދު ހީ ސަަކަރާތް ޖަހާ އަޑު އިވެއެވެ. ދަރިވަރުން ކުޅެ މަޖާ ކުރާ މަންޒަރު ސުކޫލްތަކުން ފެންނައިރު ކޮލެޖު ޔުނިވާސިޓީތަކުން ދަރިވަރުން އެކުވެރިންނާ އެތައް ދުވަހެއް ފަހުން ބައްދަލުވެ އުފާފާޅުކުރާ މަންޒަރު ފެނެއެވެ.

ފަހަރުގައި އޮންލައިން ކްލާސްތަކުގައި ގޭ ބަންދުވެ އޮވެ ކިޔަވަން ޖެހުމުގެ ކުރިން ގޭގައި އޮވެގެން ކިޔެވުމަކީ ބައެއް ދަރިވަރުންގެ "ޑްރީމް"އަކަށް ވެދާނެއެވެ. އެހެންނަމަވެސް އޮންލައިން ކްލާސްތަކުގައި ކިޔަވަން ޖެހުމުން ކޮލެޖަށް ހާޒިރުވެގެން އެކުވެރިންނާއެކު އުފާވެރި މާހައުލެއްގައި ކިޔެވުމަކީ ކިހާ އަގުހުރި ފުރުސަތެއްކަން ގިނަ ދަރިވަރުންތަކަކަށް ވިސްނިއްޖެއެވެ.

"ކުރިން ހިތަށް އަރާ ކޮލެޖަށް އަންނަން ނުޖެހޭ ނަމައޭ، ގޭގައި އޮވެގެން ކިޔެވޭނެ ނަމައޭ. އެކަމަކު އެގޮތަށް ގޭގައި އޮވެގެން ކިޔަވަން ޖެހުނީމަ އެނގެނީ އަސްލު ކިހާ ފޫހި ކަމެއްކަން އެއީ. އަސްލު ކޮލެޖަށް އައިސް ކިޔެވީމަ މާ މަޖާކަން. މާ ހެޕަނިންކަން،" ގައުމީ ޔުނިވާސިޓީގެ ބެންޗެއްގައި އެކުވެރިންނާއެކު އިށީންދެލައިގެން އިން ދަރިވަރަކު އޭނާގެ ހިޔާލު "ސަން"އާ ހިއްސާ ކުރިއެވެ.

ވާހަކަ ދައްކާލެވުނު ގިނަ ދަރިވަރުން ބުނި ގޮތުގައި އޮންލައިން ކުލާސްތަކުގައި ގިނަ ފަހަރަށް ލެކްޗަރަރު ކިޔަވައިދޭ އެއްޗެއް ފަހުމެއް ނުވެއެވެ. ސަބަބަކީ އޮންލައިން ކުލާސްތަކުގައި ރަނގަޅަށް "ކޮންސެންޓްރޭޓް" ނުކުރެވޭތީ ކަމުގައި ވެސް އެ ދަރިވަރުން ފާހަގަ ކުރިއެވެ.

"ގިނަ ފަހަރަށް ނިދިފަ އޮންނަނީ ކުލާހުގައި، އެއްވެސް ގޮތަކަށް ކުލާސް [ވައިބެއް] ނާދޭ. ދެން ފްރެންޑެއް ލޮލަށް ފެންނަނީއެއް ނޫން، ބައެއް ފަހަރަށް ނެޓްވޯކް ސްލޯ ކަމުން ލެކްޗަރަރު ވެސް ނުފެނިދާނެ،" ދަރިވަރުން ހިއްސާކުރީ އޮންލައިން ކުލާސްތަކުގެ ސަބަބުން ހިތުގައި އުފެދިފައިވާ ޝަކުވާތަކެވެ.

ގިނަ ދަރިވަރުންތަކެއް ފާހަގަ ކުރި އަނެއް ކަމަކީ ބައެއް ފަހަރަށް ނެޓްވޯކް މައްސަލަތަކާ ހުރެ އޮންލައިން ކްލާސްތަކުގެ މުހިންމު ބައިތައް ގެއްލުމެވެ. ބައެއް ފަހަރަށް ކުލާހަށް ނުވަދެވިގެން "ރުޅިގަދަވެފައި" އެތައް އިރަކު އިންނަ ކަމަށް ދަރިވަރަކު ބުންޏެވެ. އަދި އޮންލައިން ކުލާސްތަކަށް ވަނުމަށްޓަކައި ގިނައިން ޑާޓާ އަޅަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ހަރަދުބަރަދު ބޮޑުވާ ކަމަށް ވެސް ކުއްޖަކު ފާހަގަ ކުރިއެވެ.

ނެޓްވޯކްގެ މައްސަލަތަކާހުރެ ދަރިވަރުންގެ ކިޔެވުން ފާއިތުވެދިޔަ އަހަރު "ފިނިހަކަ" ދުވެލީގައި ކުރިއަށް ދިޔަ ނަމަވެސް މިހާރު ކުލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދެވެން އޮތުމުން ލެކްޗަރަރުން ވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަދިި އެތައް ދުވަހެއް ފަހުން ދަރިވަރުންނާ ބައްދަލުވެ ކިޔަވައިދޭން ފުރުސަތު ލިބުމުން ބޮޑު "ލުއިކަމެއް" އެ ބޭފުޅުންގެ ސިކުނޑިއަށްވެސް ވަނީ ލިބިފައެވެ.

އޮންލައިން ކުލާސްތަކަށް ވަދެ ގޭގައި ކިޔަވަން އިންނަން ބޭނުންވާނެ ދަރިވަރުން މިއަދު އިނގިލިން ގުނާލެވޭހާ މަދުވާނެކަމަށް ބެލެވެއެވެ. ގައިމުވެސް ގައުމީ ޔުނިވާސިޓީގެ ގޯތިތެރޭގައި މަޑުކޮށްލައިގެން ތިބި 15 ވަރަކަށް ދަރިވަރުންނާ ވާހަކަ ދައްކާލުމުން އޮންލައިން ކުލާސްތަކުގެ ސަބަބުން "ފެޑްއަޕް"ވެފައި ތިބިކަން ފާހަގަ ކުރެވުނެވެ.

އޮންލައިން ކުލާސްތަކަށް ދާން ޖެހޭތީ ކިޔެވުން ހުއްޓާލި ދަރިވަރުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެ ދަރިވަރުންނަށް ވެސް މިއަދު އަނެއްކާވެސް އާ އުއްމީދުތަކެއް އާލާވެއްޖެއެވެ. އެނބުރި ޔުނިވާސިޓީގެ ކުލާސްތަކަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު ހުޅުވިފައި ވާތީ ހިތްހަމަ ޖެހިއްޖެއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ކޮލެޖުތަކުން ފެނުނީ އިލްމީ ގުލްޒާރުގައި އެތައް މަލެއް ތާޒާ ކަމާއެކު ފަރިވެ ފޮޅެމުންދިޔަ މަންޒަރެވެ. ޢިލްމީ ބަގީޗާއަށް އިތުރު އާރޯކަމެއް ލިބުނު މަންޒަރެވެ. އެ އުފާވެރިކަމުން "ބޯރިން" އޮންލައިން ކުލާސްތަކުގައި ގަނަތެޅެން ދާކަށް ދަރިވަރުން އަދި ލެކްޗަރާއިން ވެސް ބޭނުމެއް ނުވެއެވެ.