ރާއްޖޭގައި އަންނަ އޮކްޓޫބަރު މަހު ބާއްވަން ތާވަލުކޮށްފައި އޮތް ސާފް ޗެމްޕިއަންޝިޕުގެ މެޗް ޝެޑިއުލަށް ބަދަލު ގެނެސް ދެ މެޗު ދޭތެރޭގައި ޓީމުތަކަށް ރެސްޓް ކުރަން ލިބޭ ވަގުތު އިތުރު ކޮށްފިއެވެ.

ސާފްއިން މީގެ ކުރިން ނެރުނު ޝެޑިއުލުގައި ވާގޮތުންނަމަ ޓީމުތައް މެޗު ކުޅުމަށްފަހު ކުރިއަށް އޮތް މެޗާ ދެމެދު އެންމެ ގިނަ ވެގެން ވެސް ލިބެނީ ދެ ދުވަހެވެ. އެކަމަކު ފީފާގެ ސްޓޭންޑާޑުގައިވާ ގޮތުން ދެ މެޗުގެ ދެމެދުގައި އެންމެ މަދުވެގެން ތިން ދުވަސް ދޭން ޖެހެއެވެ. ސަބަބަކީ ވަރުގަދަ މެޗަކަށްފަހު ކުޅުންތެރިންނަށް ރިކަވަރީއަށް އެކަށީގެންވާ ވަގުތު ދިނުމާއި، އަނިޔާތަކުން ދުރުކުރުވުމަށެވެ.

އެއާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ޝެޑިއުލަށް މި ގެނައި ބަދަލުގެ ސަބަބުން ދެ މެޗުގެ ދެމެދުގައި އިތުރު އެއް ދުވަސް ލިބޭނެއެވެ. އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހު އާންމުކުރި ޝެޑިއުލްގައިވާ ގޮތުން ދެ މެޗު ދެމެދުގައި ބައެއް ޓީމުތަކަށް ލިބެނީ ދެ ދުވަހެވެ. އަލުން ނެރުނު ޝެޑިއުލްގައިވާ ގޮތުން ދެ މެޗު ދެމެދުގައި ކޮންމެ ޓީމަކަށްވެސް މަދުވެގެން ތިން ދުވަސް ލިބޭނެ އެވެ.

މި ގެނެވުނު ބަދަލުތަކާއެކުވެސް މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ނޭޕާލްއެވެ. އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ކުޅޭ އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން މިހާރުވެސް ތައްޔާރުވާން ފަށާފައިވާއިރު، ރާއްޖެއިން އިއްޔެ ވަނީ މުބާރާތުގެ ޕްރިލިމިނަރީ ސްކޮޑު އިއުލާންކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ތިބީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްއެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.

ނޭޕާލް މެޗަށް ފަހު ރާއްޖެ ދެން ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ސްރީލަންކާ އާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ރާއްޖެ ނިކުންނަނީ އިންޑިއާ އާ ދެކޮޅަށެވެ.