24 Aug 2021, 10:42
އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުމުގައި ދެމިހުންނާނެ ކަމަށާއި، އެކަމަށް ޝައްކު ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ގާބޫނޫލްއުގޫބާތަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ، ރާއްޖޭގެ ހުރިހާ މުއައްސަސާތަކެއްވެސް އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން މީހުންނަށް ނުހައްގުން އަނިޔާވެރިވުމާއި، ކޮރަޕްޝަނާއި ވައްކަމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ އެކަންކަމާ ދެކޮޅަށް ވަކާލާތުކުރާނެ ކަމަށެވެ.
"ގައުމުގަ ވާނެ ފިގުހު އެކަޑަމީއެއްވެސް، އަދި އިސްލާމިކް މިނިސްޓްރީއެއްވެސް އަދި އަޅުގަނޑުމެންގެ ހަމަ ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކުރަންޖެހޭނީ އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުމަށް. އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބު ކަމެއް އެއީ އަޅުގަނޑުމެން އެކަން ކުރުމުގަ ދެމިތިބޭނަން. އެކަމާމެދު އެއްވެސް ރައްޔިތަކުގެ ޝައްކު ކުރުމުގެ ފުރުސަތެއް ނޯންނާނެ،" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި ހުރެގެން އިސްލާމްދީނުގެ ނަމުގައި މީހުންނަށް މަރުގެ އިންޒާރުދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ލާދީނީ ޓެގު އަޅުވައި މީހުން ގަތުލުކުރާ ކުރުން ވަރިހަމަކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް
އިންތިގެ އިތުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ވިދާޅުވީ އަބްދުﷲ އިސްލާމްދީނަށް އެއްވެސް ވަރަކަށް ފުރައްސާރަކުރުމުގެ ޖާގަ ދިވެހިރާއްޖޭގައި އޮވެގެން ނުވާނެ ކަމަށެވެ.
އަދި މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލެއްގައި ދީނާ ހިލާފު ކަމެއް ހިމެނިފައިވާނަމަ އެކަމަކާ ދެކޮޅަށް ހުންނަވާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާނގައިވެސް އެއްވެސް ބިލެއްގައި ދީނާ ހިލާފު ނޫނީ ދީނީ ކަންކަމާ ފުށުއަރާ ކަމެއް އޮވެއްޖެކަމަށް ވާނަމަ، އަޅުގަނޑު އެކަމާ ދެކޮޅަށް ހުންނާނެ ވާހަކަ ދަންނަވަން،" ޔައުގޫބު ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް މަޖިލިޙުގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް
އެ ބިލަށް އިތުރަށް ބަހުސްކުރައްވަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިސްލާމްދީނާ އިދިކޮޅު ކަންކަމާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މިއަދުގެ ސަރުކާރުން ރާއްޖޭގެ ފަސްގަނޑުގައި ޖާގަދޭނެ ކަމެއް ނޫން ކަމަށެވެ.
"ދީނާ ހިލާފު ތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށްވެސް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާކަން ކަސްޓަމްގެ ތަފާސްހިސާބުތަކަށް ބަލައިލިޔަސް އެނގޭ. މިއަދުގެ ހިސާބުތަކަށް ބަލާއިރުވެސް 30 އަށް ވުރެ ގިނަ [ދީނާ ހިލާފު] އައިޓަމް ކަސްޓަމްސްގެ ބޮންޑުގައި ހިފެހެއްޓިފައި އެބަވޭ،" ސަލީމް ވިދާޅުވިއެވެ.
އޭގެ އިތުރުން މި ސަރުކާރުން އިސްލާމްދީނަށް ދެއްވާ އަހަންމިއްޔަތުކަން ރައީސް ސޯލިހުގެ ވާހަކަފުޅުތަކުންނާއި ގައުމާ މުހާތަބުކޮށް ދައްކަވާ ވާހަކަތަކުން އެނގިލައްވާ ކަަމަށް ސަލީމް ވިދާޅުވިއެވެ.