މިދިޔަ މަހު 14 އިން ފެށިގެން މި މަހު އަށެއްގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ" ގަބޫލު ނުކުރާނެ ކަމަށް އެމްޑިޕީން ބުނެފި އެވެ.

މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އެކްއަރީ ކޮމިޝަނުން އެމްޑީޕީން ގަބޫލުނުކުރަނީ އެ ކޮމިޝަނުން މިނިވަން ކަމާ އެކު ތަހްގީގު ކުރާނެ ކަމަށް ގަބޫލު ނުކުރާތީ ކަމަށެވެ.

އިންތި ވިދާޅުވީ އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި ވެރިކަން ބަދަލުވުމުގެ ކުރިން އަދި ބަދަލުވުމަށް ފަހު ހިނގައި ދިޔަ ކަންކަން ތަހްގީގު ކުރަން ޖެހޭނީ ބޭރުގެ ފަރާތްތަކަށް ދައުވަތު ދީގެން ރާއްޖެ ގެނެސްގެން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ކުރާ ތަހްގީގުތައް އެ ޕާޓީން ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ސިވިލް ސާވީސްގެ މުވައްޒަފުން މަސައްކަތްކުރާ ރަސްމީގެ ގަޑިތައް ކުރިއެކޭ އެއްގޮތަށް ބަދަލު ކުރެއްވުމަށް މި ސަރުކާރުން ނިންމަވާފައި ވާތީ އެކަމާ މެދު އެމްޑީޕީން ކަންބޮޑުވާ ކަމަށާއި ސިވިލް ސާވީސްގެ މުވައްޒަފުންގެ ރަސްމީ ގަޑި ކުރީ ސަރުކާރުން ބަދަލުކުރީ ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައި ކަމަށް ވިދާޅުވި އެވެ.

އަވަސް ރިޔާސީ އިންތިހާބެއްގެ ތަރީހެއް އިއުލާން ކުރުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ ކުރަމުންދާ ލޮނުޒިޔާރަތްކޮޅުގައި މިއަދު ވަނީ އަންހެނުންނަށް ހާއްސަ ޖަގަހައެއް ވެސް ހުޅުވައިފަ އެވެ. އެ ޖަގަހަ ހުޅުވާދެއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދު އެވެ.