23 Aug 2021, 21:48
ކާބުލް (އޮގަސްޓް 23): އަފްޣާނިސްތާނުގައި ބޭރުގެ ބާރުތައް ތިބުމުގެ ފުރުސަތު ދެވޭނީ ކުރިން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ ނިޔަލަށް ކަމަށާއި އެމުއްދަތު އިތުރު ނުކުރެވޭނެކަމަށް އެގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުން ބުނެފިއެވެ.
ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާން ސުހައިލް ޝާހީން ބުނީ މި މަހުގެ ނިޔަލަށް އެމެރިކާއާއި ބޭރުގެ އެހެން ގައުމުތަކުގެ ބާރުތައް އަފްޣާނިސްތާނުން ފައިބަންޖެހޭނެ ކަމަށާއި ނުފާބައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގައެވެ. އެމެރިކާއާއި ތާލިބާނުންނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އެމެރިކާގެ ސިފައިންވެސް އަދި ނޭޓޯގެ އެހެންގައުމުތަކުގެ ސިފައިންވެސް އަފްޣާން ބިމުގައި ތިބުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ސުހައިލް ދިނެވެ.
ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާން މިހެން ބުނެފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވި އަފްޣާން މީހުން އަފްޣާނިސްތާނުން ބޭރަށް ގެންދިޔުމުގެ އޮޕަރޭޝަން މި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމުގެ ޔަގީންކަން ނެތްކަމާއި އެމުއްދަތަށްފަހުވެސް އެ އޮޕަރޭޝަން ނިންމާލެވެންދެން އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ތިބެންޖެހިދާނެކަމުގެ އިޝާރާތެއް ރައީސް ޖޯ ބައިޑެން ދެއްވުމާ ގުޅިގެންނެވެ.

އަހްމަދު މަސްއޫދު
ބައިޑެން މިއިޝާރާތް ދެއްވީ ބޭނުންވާ މީހުން އަފްޣާނިސްތާނުން ބޭރަށް ގެންދިޔުމުގެ އޮޕަރޭޝަން ނިންމުމަށްޓަކައި މި މަހަށް ފަހުވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ދެމިތިބުމަށް ބާރުއަޅުއްވައި އިނގިރޭސި ބޮޑުވަޒީރު ބޮރިސްޖޯންސަން ބައިޑެން އަށް އިލްތިމާސް ކުރެއްވުމާ ގުޅިގެންނެވެ.
މި މަހަށް ފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ތިބުމަކީ ތާލިބާނުންނާއި އެމެރިކާ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގާފާނެ ކަމެއްކަމަށާ އެފަދަ ކުރިމަތިލުމެއް ހިނގުމަކީ އެތަށް ބަޔަކު މަރުވެ ބޮޑު ލޭއޮހޮރުވުމެއް ކުރިމަތިވެދާނެ ކަމެއްކަމަށް ތަޖްރިކާބާރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން ތާލިބާނުންވަނީ އަފްޣާނިސްތާނުގައި އެޖަމާއަތުގެ ބާރުނެތް މަދު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެއް ކަމަށްވާ ޕަންޖްޝީރު ވާދީއަށް އެތައް ސަތޭކަ ހަނގުރާމަވެރިން ހިމެނޭ ލަޝްކަރެއް ފޮނުވައިފިކަން ހާމަކޮށްފައެވެ. މި ލަޝްކަރު ފޮނުވަންޖެހުނީ ޕަންޖްޝީރު ވާދީ ސުލްހަވެރިގޮތުގައި ތާލިބާނުންނާ ހަވާލުކުރުމަށް ތާލިބާނުން އެދުނު އެދުމަށް އެ ސަރަހައްދު ކޮންޓްރޯލްކުރާ ހަނގުރާމަވެރިންގެ ވެރިޔާ އަޙްމަދު މައްސޫދު ދެކޮޅު ހެދުމުންނެވެ.
އަޙްމަދު މައްސޫދަކީ އަފްޣާނިސްތާނުގައި ކުރީގެ ރޫސީ ސިފައިން ތިބި ދުވަސްވަރު އެމީހުން ފައްސާލުމަށްޓަކައި ހަނގުރާމަކުރި މުޖާހިދީން ލަޝްކަރުތަކަށް ނިސްބަތްވާ މަޝްހޫރު ޕްރޮފެޝަނަލް ކޮމާންޑަރެއްކަމަށްވާ އަހްމަދު ޝާހު މަސްއޫދުގެ ދަރިކަލުންނެވެ. އަހްމަދު ޝާހު މަސްއޫދު މަރުވެފައިވަނީ ތާލިބާނުންގެ ހަމަލާތަކެއްގައި 2001 ވަނަ އަހަރުގައެވެ.

ޕަންޖްޝީރު ވާދީ
އަހްމަދު މަސްއޫދުވަނީ އޭނާގެ ކޮންޓްރޯލް ކުރާ ސަރަހައްދު ތާލިބާނުންނާ ހަވާލު ނުކުރާނެކަމާއި ތާލިބާނުންނަށް އަމާންވެސް ނުދޭނެކަމާ އެސަރަހައްދުގެ ދިފާއުގައި ތާލިބާނުންނާ ހަނގުރާމަ ކުރަން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. އަފްޣާނިސްތާނުގެ އެތެރެ ގަޑުބަޑު ކުރުމަށްޓަކައި އެމެރިކާއިން އަހްމަދު މަސްއޫދުގެ ހަނގުރާމަވެރިންނަށް އަސްކަރީގޮތުން އެހީތެރިވުމަކީ ވެދާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ލަފާކުރާއިރު ތާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނުގެ އެއްވެސް ޖަމާއަތަކަށް އަސްކަރީގޮތުން އެހީތެރިވުމަކީ އެމެރިކާއާއި ތާލިބާނުންނާ ދެމެދު 2020 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އަހްމަދު މަސްއޫދުގެ ހަނގުރާމަވެރިންގެ އަދަދު އެންމެ 6،000 އަށް އަރާއިރު ތާލިބާން ހަނގުރާމަވެރިންގެ ޖުމްލަ އަދަދު 55،000 އަށް އަރާނެކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. ވަށައިގެން ފަރުބަދަތައް އޮންނަ ޕަންޖުޝީރު ވާދީ އަކީ އެ ސަރަހައްދު އޮންނަ ލޮކޭޝަންގެ ގޮތުން ބޭރުން އަންނަ ލަޝްކަރަކަށް ވަދެގަތުން އުނދަގޫ ސަރަހައްދެކެވެ.
ނަމަވެސް އަހްމަދު މަސްއޫދުގެ ހަނގުރާމަވެރިންނަށްވުރެ ތާލިބާނުންގެ ހަނގުރާމަވެރިން ގެ އަދަދު އެތަށް ގުނައެއް ގިނަވެފައި ތާލިބާނުންގެ އަސްކަރީ ތަޖްރިބާ ބޮޑުވެފައި އެޖަމާއަތުގެ އަތުގައި މިހާރު ޒަމާނީ ހަތިޔާރުވެސް ހުރުމުން އެމެރިކާ ފަދަ ގައުމެއްގެ އަސްކަރީ އެހީތެރިކަން ނުލިބި ތާލިބާނުންނާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ އަޙްމަދު މައްސޫދުގެ ހަނގުރާމަވެރިންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.