23 Aug 2021, 22:28
މޯލްޑިވިއަން ޑިމަކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ބައިވެރިނުވެވޭނެކަމަށް ނިންމި ނިންމުން ބަދަލުކޮށް އަކްރަމަށް ބައިވެރިވުމުގެ ފުރުސަތު ދީފިއެވެ.
މިކަމާ ގުޅިގެން ވާހަކަދައްކަވަމުން އަކްރަމް "ސަން" އަށް ވިދާޅުވީ މީގެ ކުރިން ވެސް މި މައްސަލައިގައި ޕާޓީއަށް ސިޓީ ފޮނުވާފައިވާނެކަމަށެވެ.
"އަޅުގަނޑު ފޮނުވި ސިޓީގައިވެސް އޮންނާނެ އަަޅުގަނޑަށް ނުހައްގުންނޭ އިންތިހާބުގައި ބައިވެރިނުވެވޭނެކަމަޑސް ނިންމާފައިވަނީ. އެބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަތީކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ،" އަކްރަމް ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަކްރަމް ލިޔުއްވި ސިޓީއެއްގައި އޭނާ ވަނީ، އޭސީސީން 2018 ގައި ނެރުނު ލިސްޓެއްގައި އޭނާގެ ނަން ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ކޮމިޝަނުން މައުލޫމާތު ސާފު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އަކްރަމްއާ ބެހޭ ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން ދިން ޖަވާބުގައި ބުނެފައިވާކަމަށް އޭނާގެ ސިޓީގައިވެއެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ އޭސީސީގައި އޮތް މައްސަލައަކާ ގުޅިގެން ގައުމީ މަޖިލީހުގެ އިންތިހާބުގައި އެމީހަކަށް ވާދަ ނުކުރެވޭނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި އޭސީސީން އެއްވެސް މުއައްސަސާއަކަށް އެމީހެއްގެ ނަން ފޮނުވާފައިވާ ނަމަކަމަށް އަކްރަމްގެ ސިޓީގައިވެއެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަކްރަމްއަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އޭސީސީން އެއްވެސް މުއައްސަސާއަކަށް އޭނާގެ ނަން ފޮނުވާފައިވާކަން އެނގިފައި ނުވާ ކަމަށް އެ ސިޓީގައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަކްރަމަށް ވާދަ ނުކުރެވޭނެކަމަށް އެ ޕާޓީން ކަނޑައެޅީ، އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ބުނެއެވެ.