ޖަކާޓާ (އޮގަސްޓް 23): ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑޮނޭޝިއާގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދި ސިއްހަތާބެހޭ ބައެއް ތަކެތި ގަތުމުގައި ރިޝްވަތުގެ އަމަލުތަކެއް ހިންގިކަން ސާބިތުވުމުން އިންޑޮނޭޝިއާގެ ސޯޝަލް ސާވިސްއާ ބެހޭ ވަޒީރު ޖުލިއާރީ ބަޓްބަރާ 12 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސޯޝަލް ސާވިސްއާ ބެހޭ ވުޒާރާއިން ހޯދި ސިއްހަތާބެހޭ ގިނައަދަދެއްގެ ސާމަނު ގަތުމުގައި ޖުލިއާރީ ބަޓްބަރާ ނުފޫޒު ބޭނުން ކުރެއްވި ކަމުގައެވެ. އަދި އެތަކެތި ގަތުމުގެ މުއާމަލާތް ބިޑު އުސޫލާ ޚިލާފަށް ވަކި ފަރާތަކާ ހަވާލުކޮށްފައިވަނީ ބަޓްބަރާ އެތަށް މިލިޔަން ޑޮލަރެއްގެ ރިޝްވަތު ނަންގަވައިގެންކަން ޝަފަވީ އަދި ކިތާބީ ހެކިތަކުން ސާބިތުވާކަމުގައެވެ. ރިޝްވަތުގެ ގޮތުގައި ބަޓްބަރާ ހޯއްދެވި އެތަށް މިލިއަން ޑޮލަރެއްގެ ތެރެއިން އެއްމިލިއަން ޑޮލަރަށްވާ ރުޕީސް ހޯއްދަވާފައިވަނީ ދަބަސްތަކާއި ފޮށިތަކަށް އަޅާފައިވާ ނަގުދު ފައިސާގެ ގޮތުގައިކަން ތަހުގީގަށްވަނީ ސާބިތުވެފައެވެ.

ބަޓްބަރާ ގެ މިއަމަލަކީ އިންޑޮނޭޝިއާގެ މާލީ ގާނޫނާ ޕްރޮކިއުމެންޓް އުސޫލުތަކާ މުޅިން ޚިލާފު އަމަލަކަށް ވުމުގެ އިތުރުން މިއީ ކޮރަޕްޝަނުގެ އެންމެ މަތީ ގިންތީގެ އަމަލެއްކަމަށްވެސް ކޯޓުގެ ހުކުމުގައި ވެއެވެ. ރިޝްވަތުގެ ތުހުމަތުތަކާއެކު ބަޓްބަރާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ބަޓްބަރާ ރިޝްވަތުގެ ގޮތުގައި ހޯއްދެވި އެތަށް މިލިޔަން ޑޮލަރެއްގެ ތެރެއިން އެއްމިލިޔަން ޑޮލަރަށްވާ ރުޕީސް އަޅާފައިވާ ދަބަސްތަކާއި ފޮށިތައްކޮވިޑް ކޮންޓްރޯލް ކުރުމާބެހޭ މިތަކެއްޗަކީ ކޮވިޑްގެ ޝިކާރައަކަށްވާ އިންޑޮނޭޝިއާގެ އާންމުންގެ ތެރެއިން ފަގީރުންނަށް ހިލޭ ބެހުމަށް އެގައުމުގެ ސޯޝަލް ވެލްފެއާ މަޝްރޫއުގެ ދަށުން އިންސާފުވެރި ގޮތަށް ބީލަމުގެ އުސޫލުން ހޯދަން ޖެހޭ ތަކެތި ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ބަޓްބަރާ ވަނީ ކޯޓުގެ މިހުކުމަށް ދެކޮޅު ހަދާފައެވެ. ބަޓްބަރާގެ ދިފާއީ ވަކީލު މުގައްދަރު އިސްމާއީލް ވިދާޅުވިގޮތުގައި ކޯޓުގެ މިހުމަކީ ވަރަށް ބޭއިންސާފު އަދި މައްސަލައިގެ ބާވަތާ އަޅާބަލާއިރު އަނިޔާވެރި އަދި ވޭންދެނިވި ހުކުމެކެވެ. އެހެންކަމުން އިސްތިއުނާފް ކޯޓުގައި ވަރަށް އަވަހަށް މިމައްސަލަ އިސްތިއުނާފު ކުރާނެއެވެ.

ފަނޑިޔާރު ވަނީ ބަޓްބަރާ 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމުގެ އިތުރުން 500 މިލިޔަން އިންޑޮނީޝިއަން ރުޕީން ބަޓްބަރާ ޖޫރިމަނާކޮށް ރިޝްވަތުގެ ގޮތުގައި ބަޓްބަރާ ހޯދި ފައިސާގެ ތެރެއިން 1.4 މިލިޔަން ރުޕީ ދައުލަތަށް ދެއްކުމަށްވެސް ބަޓްބަރާ ގެ މައްޗަށް ހުކުމް ކޮށްފައެވެ. މީގެއިތުރުން 12 އަހަރުގެ ޖަލު ހުކުމް ފުރިހަމަ ކުރުމަށްފަހުވެސް ހަތަރު އަހަރުވަންދެން ސިޔާސީ އެއްވެސް ވަޒީފާއެއް އަދާކުރުން އެހުކުމްގައި ބަޓްބަރާ އަށް މަނާކޮށްފައެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ 2014 ވަނައަހަރު އިންޑޮނޭޝިއާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމުގެ ވަރުގަދަ ވައުދަކާ އެކުގައެވެ. އެއަށްފަހު އޭނާވަނީ ރިޔާސީ ދެވަނަ ދައުރަކަށްވެސް އިންތިޚާބުވެ ވަޑައިގެންފައެވެ.

ޒީރޯ ޓޮލަރެންސް ވައުފު ފުއްދުމަށްޓަކައި ވިޑޯޑޯ ގެ ސަރުކާރުންވަނީ ސިޔާސީ އެތަށް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގުތައް ހިންގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަށް ފޮނުވާފައެވެ. މީގެތެރެއިން އެތައް މައްސަލައެއްގެ ދައުވާ ކޯޓުގައި ސާބިތުވެ ސިޔާސީ ބޭފުޅުންނާއި ސިވިލްސާވިސްގެވެސް އެތައްބަޔަކުވަނީ ވިޑޯޑޯގެ ވެރިކަމުގައި ޖަލަށްލާފައެވެ.