ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން ކައުންސިލް ހައުސިން ޔުނިޓަށް ފައިސާ ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ކުލި ދެއްކުމަށް ސަރުކާރުން އެހީތެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ 1000 ހައުސިން ޔުނިޓުގެ ތެރެއިން ކައުންސިލް ހައުސިންއަށް ފައިސާދެއްކުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް ސަރުކާރުން އެހީތެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުލި ދެއްކުމުގެ ގާބިލްކަން ނެތް ނުވަތަ ކުލީގެ ފުރިހަމަ މިންވަރު، އެ ފަސްހާސް ރުފިޔާ ދެއްކުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް އެ ސަބްސިޑައިޒްކޮށްދޭނީ ސަރުކާރުން، ފަސްހާސް ރުފިޔާ އެކީ ދެއްކުމެއް ނޫން. ކުލި ކުޑަކޮށްދީގެން ނުވަތަ ކުލި އެކީ ކަނޑާލައިގެން އެ ސަބްސިޑައިޒްކޮށްދޭނީ ސަރުކާރުން" މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އަދި މިކަން ކުރިއަށް ދާނެގޮތުގެ ވަކި އުސޫލެއް އެކުލަވާލެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއްގައިނަމަވެސް ސަބްސިޑައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކައުންސިލް ހައުސިން ޔުނިޓުގެ ކެޓެގަރީއަށް ޝަރުތު ހަމަވާނީ ވަކި ކަންތައްތަކެއް ފުރިހަމަވުމުން ކަމަށެވެ.

"ވަކި އަދަދެއްގެ އާމްދަނީއަށްވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް އަދި ވަކި ހާލަތެއްގައި ދިރިއުޅޭ އާއިލާތަކަށް،" މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އެޕޯލޯ ހޯލްޑިންގްސް އާ ހަވާލުކޮށްގެން ޓަވަރުތަކެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫގެ ދަށުން ދެ ބާވަތެއްގެ ހައުސިން ޔުނިޓް އަޅާނެއެވެ. އެއީ ކައުންސިލް ހައުސިން ޔުނިޓާއި، އެފޯޑަބަލް ހައުސިން ޔުނިޓުގެ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓުމަންޓެވެ.

އެގޮތުން އެ މަޝްރޫގައި ހިމެނޭ ކައުންސިލް ހައުސިން ޔުނިޓުތަކުގެ އަގު ހުންނާނީ 5000 ރުފިޔާ އާއި 7000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ކަަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެގޮތުން އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވީ އެޕޯލޯ ޓަވަރުތަކުގައި އަޅާ ކައުންސިލް ހައުސިންގެ ދެކޮޓަރީގެ 60 އެޕާޓުމެންޓުގެ ކުއްޔަކީ 5،500 ކަމަށެވެ. އަދި ތިން ކޮޓަރީގެ 60 އެޕާޓުމެންޓުގެ ކުއްޔަކީ 7،000 ރުފިޔާ ކަމަށް ކުރިން ވަނީ ބުނެފައެވެ.

އެޕޯލޯ އިން އަޅާ ޓަވަރުތަކުގައި ހިމެނޭ އެފޯޑަބަލް ހައުސިން ކެޓަގަރީގައި 220 އެޕާޓުމެންޓު ހުންނާނެ އެވެ. އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ ދެކޮޓަރީގެ އެޕާޓުމެންޓުގެ ބޮޑުމިނުގައި 650 އަކަފޫޓު ހުންނައިރު ކުއްޔަކީ 8،600 ރުފިޔާ އެވެ. އަދި ތިންކޮޓަރީގެ އެޕާޓުމެންޓުގެ ކުއްޔަކީ 13،000 ރުފިޔާ ކަމަށާއި އެތަންތަނުގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެއެވެ.