ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ ގޮނޑި މިދިޔަ ހޯމަ ދުވަހު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވުމާ އެކު އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އެ ޕާޓީން މިއަދު އާއްމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނުން އެކަމަށް އިއުލާން ކުރުމާ އެކު އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލުމަށް އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ބައި-އިލެކްޝަން ކޮމެޓީގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

އަދި ޕާޓީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރުމަށް ޓަކައި އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާ ނަމަ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީން ބާއްވާ ޕްރައިމެރީ އަކުން ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ މުސްތަފާ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެވެ.