14:30


ލ.އަތޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ދަންޖެހެން މަސައްކަތް ކުރަނިކޮށް، ފުލުހުން އެމީހާ ސަލާމަތްކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން ތަހްޤީޤްކުރަމުން އަންނަ މާރާމާރީއެއްގެ މައްސަލައެއްގެ ތަހްގީގަށް ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގައި ދަށުގައި ހައްޔަރުކޮށްފައި ހުރި އުމުރުން 22 އަހަރުގެ އެމީހާ މިއަދު ހެނދުނު ދަންޖެހެން މަސައްކަތް ކުރަނިކޮށް ސަލާމަތްކޮށްފައި ވަނީ އެވަގުތު ޑިއުޓީގައި ހުރި ފުލަހަކަށް ފެނިގެން ކަމަށެވެ. އަދި އޭނާ ދަންޖެހެން މަސައްކަތް ކުރީ ކީއްވެގެން ކަމެއްކަން ނޭނގޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެމީހާ ދަންޖެހެން މަސައްކަތްކޮށްފައި ވަނީ، ތަހްގީގަށް ހައްޔަރުކުރާ ކޮންމެ މީހަކަށް ތުވާޔެއް ދޭ ގޮތަށް އޭނާ އަށް ދީފައިވާ ތުވާލި ބޭނުން ކޮށްގެން ކަމަށެވެ. އަދި މިހާރު ލ. އަތޮޅު ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.