22 Feb 2012, 18:16
ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓަށް އަމަލުކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން އެމްޑީޕީ ބައިވެރިވެގެން މިއަދު ބާއްވައިފި އެވެ.
މީގެ ކުރިން ނަސަންދުރާގައި ބޭއްވި އެ މަޝްވަރާތަކުގައި އެމްޑީޕީ ބައިވެރިވެފައެއްނުވެ އެވެ.
މިއަދު ހަވީރު ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނަސައްދުރާގައި ބޭއްވި މަޝްވަރާތައް ނިންމާލުމަށް ފަހު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބޭފުޅުން އެ ބައްދަލުވުުން ނިކުތް މަންޒަރުފެނުނެވެ. އެމްޑީޕީ ބައިވެރިވެ ވަޑައިގަތީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އެވެ. މަޝްވަރާތައް ނިމުނީ 6:15 އެހާކަށްހާއިރު އެވެ.
އެ މަޝްވަރާތައް ވިލަރެސް ކުރެއްވުމަށް ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އަދި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް، ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ އެވަގުތު އެ ސަރަހައްދުގައި ތިބި މީޑިޔާތަކަށް ވިދާޅުވީ އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ސިއްރު ކުރުމަށް އެއްބަސްވެފައިވާތީ އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.