23 Aug 2021, 14:58
ދިވެހިރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 84 ޕަސެންޓް މީހުން ވެކްސިން ޖަހައިފިކަމަށް ރައީސް އޮފީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ 18 އަހަރުން މަތީގެ 84 ޕަސެންޓް މީހުން ވެކްސިން ޖަހައިފިކަމަށާއި އުންމީދަކީ 90 ޕަސަންޓްއަށް މި މަސް ނިމެންވާއިރަށް ދިޔުން ކަމަށެވެ.
"ރާއްޖޭގެ 18 އަހަރުން މަތީގެ 84 ޕަސަންޓް މީހުންނަށް މިހާރު މިވަނީ ވެކްސިން ޖެހިފައި. އަޅުގަނޑުމެންގެ އުންމީދަކީ މި މަސް ނިމެންވާއިރަށް 90 ޕަސަންޓްއަށް މި އަދަދުތައް ގެންދިޔުން" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މާގިނަ ދުވަހެއްނުވެ ރާއްޖޭގެ ވެކްސިން ޖެހޭ އެންމެންނަށް ވެކްސިން ޖަހާ ނިންމަން މަސައްކަތް ކުރާ ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވެ ރާއްޖެއަކީ ރާއްޖޭގައި ވެކްސިން ޖެހޭ އެންމެނަށް ވެކްސިން ޖެހި، ކޮވިޑްގެ މި ނުރައްކާތެރިކަން ކޮންމެވެސް މިންވަރަކަށް ވީ އެންމެ ރަނގަޅަކަށް ތިރި ކުރެވި ކުރިޔަށް ދިޔުމުގައި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ގައުމެއް ގޮތުގައި އޮތުން" މަބްރޫކް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެކްސިން ޖެހުމުގެ ހަރަކާތުގައި ދުނިޔޭގެ ނިސްބަތުން ފާހަގަ ކުރެވޭ މިންވަރަކަށް މިހާރުވެސް ދެވިފައިވާކަމަށެވެ.
ރެއާއި ހަމަޔަށް ރާއްޖޭގައި 299،077 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.