23 Aug 2021, 14:24
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް ޔުނިވާސިޓީއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މިއަދު ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ދެ ފަރާތުން އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ޒިންމާ އިސްލާމިކް ޔުނިވާސިޓީއާ ހަވާލުކުރުމަށެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު އިސްލާމިކް ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އިސްލާމިކް ބޭންކް އާއިމެދު އެއްބަސްވާގޮތުގެ މަތިން އަދާކުރާނީ އިސްލާމިކް ޔުނިވާސިޓީއިންނެވެ.
މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންސް އޮފިސަރު އަލްފާޟިލް އަލީ ވާސިފްއެވެ.
އެމްއޯޔޫގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޔުނިވާސިޓީގެ އިސް ފަރާތްތަކުން ބައިވެރިވަޑައިގެންނެވިއެވެ.