22 Feb 2012, 17:34
ޖީއެސްޓީގެ ފުރަތަމަ ކުއާޓާގެ ޕޭމަންޓް ދެއްކުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު ޖީއެސްޓީ ނުދައްކާ ވަރަށް ގިނަ ފަރާތްތަކެއް އެބަތިބި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
މީރާ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ ޖީއެސްޓީ ދެއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 1200 ގިނަ ފަރާތުން ޖީއެސްޓީ ނުދައްކާ ކަމަށެވެ. މާލެއިން 800 އަށް ވުރެ ގިނަ ވިޔަފާރިތަކުން ޖީއެސްޓީ ނުދައްކާ އިރު އަތޮޅުތަކުން 400 އަށް ވުރެ ގިނަ ފިހާރަތަކުން ސަރުކާރަށް ޖީއެސްޓީ ދައްކާފައި ނުވާކަން މީރާގެ ހިސާބުތަކުން އެގެ އެވެ.
ގިނަ ފަރާތްތަކަކުން ޖީއެސްޓީ ނުދައްކާތީ މީރާ އިން ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖީއެސްޓީ ދެއްކުމުގެ މުއްދަތި އިތުރު ވެސް ކޮށްދީފަ އެވެ.
ޖީއެސްޓީ ދައްކަން ޖެހެނީ މަހަކު އެއްފަހަރު ނުވަތަ ތިން މަހުން އެއްމަހު އެވެ.
މިދިޔަ އޮކްޓޯބަރުގައި ޖީއެސްޓީ ނަގަން ފެށިފަހުން 3300 ފަރާތަކުން ޖީއެސްޓީ ދައްކާފައިވާ އިރު މީރާއަށް ވަނީ 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފަ އެވެ.
ޖީއެސްޓީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން ނަގަނީ މުދަލާ ހިދުމަތުގެ އަގުން ހަ ޕަސެންޓެވެ.