23 Aug 2021, 14:13
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހަތަރު ބިލެއްގެ އިބްތިދާއީ ބަހުސް ނިންމާލައި، ބިލު ދިރާސާ ކުރުމަށް ކޮމިޓީތަކަށް ފޮނުވުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ކޮމިޓީއަށް ފޮނުވަން ނިންމި ބިލުތަކަކީ:
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު
- އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާ ބެހޭ ބިލު
- ޖަނަވާރުންގެ ސިއްހަތާބެހޭ ބިލު
- ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވީ 46 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން އެ ބިލުގެ ދިރާސާކުރުމަށް މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.
މިއަދު ކޮމިޓީއަށް ފޮނުވަން ފާސްކުރި ދެވަނަ ބިލަކީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހަޅާފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލެވެ.
އެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 45 މެމްބަރުން ވަނީ ވޯޓު ދީފައެވެ.
އެ ބިލުގައި ބުނާގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުން ލާޒިމުވާނެއެވެ. އަދި އުފަންވާ ކޮންމެ ކުއްޖެއް އުފަންވުމާއެކު އެކަމާ ގުޅޭ މައުލޫމާތު "ފޫޅުމާ" ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
ހަމައެހެންމެ ފުރާނަނެތި އުފަންވާ ކުދިންނާއި ބައިގެންދިއުމާއި، އެބޯޝަންވެސް މަރުކަޒުތަކުގައި ރެކޯޑުކުރަންވާނެއެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، ބިލު ދިރާސާކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
އޭގެ އިތުރުން ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމު ހުށަހަޅާފައިވާ ޖަނަވާރުންގެ ސިއްހަތާބެހޭ ބިލުވެސް ދިރާސާކުރުމަށް މިހާރު ވަނީ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.
އެ ބިލު ބަލައިގަންނަން ނިންމީ ވޯޓުގަައި ބައިވެރިވީ 44 މެމްބަރުން ވޯޓުންނެވެ.
ޖަނަވާރުންގެ ސިއްހަތާބެހޭ ބިލުގައި ވަނީ ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން ހުއްދަ އަދި މަނާ ޖަނަވާރުގެ ލިސްޓު އެކުލަވާލުމާއި މުރާޖައާ ކުރުމަށް ހިމަނާފައެވެ.
ހަތަރުވަނަ ބިލެއްގެ ގޮތުން މިއަދުގެ މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހަޅާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެ ބިލުގައި ވަނީ އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދޫކުރުމަށް ހުއްދަ ދިނުމަށް ހުށަހަޅާފައެެވެ. އަދި ކައުންސިލުތަކުން ދަރަންޏަށް ލޯނު ނެގޭގޮތަށް ނުވަތަ އެއްޗެއް ރަހުނުކޮށްފައި ލޯނު ނެގޭގޮތަށް ހަދަން ވަނީ ބިލުގައި ހިމަނާފައެވެ.
މިއަދު މަޖިލީހަށް ހާޒިރުވީ 46 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 45 މެމްބަރުންގެ އިއްތިފާގުން އެ ބިލުވެސް ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓު ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.