އުމުރުން 10 އަހަރުގައި ޖީސީއީ އޯލެވެލް އިމްތިހާނުން ކެމިސްޓްރީ މާއްދާއިން އޭ ސްޓާ ހޯދި ދަރިވަރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. ހަގު އުމުރެއްގައި އޯ ލެވެލް އިމްތިހާނުގައި ކެމިސްޓްރީއިން އޭ ސްޓާ ހޯދީ ހުރަވީ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް ޢަބްދުލް ވާހިދެވެ.

ރައީސް ސޯލިހު ރަޔާން އާ ބައްދަލުކުރެއްވީ ރައީސް އޮފީހުގައެވެ. މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ ރަޔާން ގެ މަންމައާއި ބައްޕައާވެސް ބައްދަލު ކުރައްވާފައެވެ. ރައީސްގެ އަރިހުގައި މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއާއި، ރައީސް އޮފީހުގެ ބައެއް އިސްވެރިންނާއި، ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރަޔާންގެ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ރައީސްގެ ފަރާތުން ރަޔާންއަށް ހާއްސަ އިނާމެއްވެސް ވަނީ ދީފައެވެ. ރަޔާންގެ މަސައްކަތަށް ތައުރީފު ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ރައީސް ސޯލިހު މި ބައްދަލުވުމުގައި ވިދާޅުވިއެވެ. ރަޔާންގެ މައިންބަފައިން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވާ، ރަޔާންގެ މަންމަ، އާއިޝަތު ޔުމްނާއަށާއި ބައްޕަ މުހައްމަދު ރިޔާޒަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ.

ކެމިސްޓްރީއަށް ރަޔާންގެ ޝައުގުވެރިކަން ހުރި ގޮތާ މެދު ރައީސް އެއްސެވުމުން، ސައިންޓިސްޓަކަށް ވާން ބޭނުންވާ ކަމަށް ރަޔާން ބުނެފައިވެއެވެ. އަދި ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމެންޓް ކުރުމަށް ބޭނުންވާ ޢާލާތްތައް ބޭނުންވާކަމަށް ރަޔާން ބުންޏެވެ. ރަޔާންގެ މި ވާހަކަތަކަށް ރައީސް ވިދާޅުވީ، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

ބައްދަލުވުމުގައި ވާހަކަދައްކަމުން ރަޔާންގެ މަންމައާއި ބައްޕަ ބުނީ ޕެންޑެމިކްގެ ހާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، ރަޔާން އޯ ލެވެލްއަށް ތައްޔާރުވެފައި ވަނީ އަމިއްލަޔަށް އެއްޗިހި ސާޗްކޮށްގެން ކިޔަވައިގެންކަމަށެވެ. އަދި ރައީސް ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރިކަމަށްޓަކައި ރަޔާންގެ މައިންބަފައިން ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވައި، ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު ލިބިގެން ދިޔަ ކަމުގައި ބުނެފައެވެ.