އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރުގެ ދަށަށް ނުގެނެވި އޮތް މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޕަންޝިރު ވެލީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ތާލިބާނުން ބުނެފިއެވެ.

ތާލިބާނުން އިއްޔެ ކުރި ޓުވީޓެއްގައިވާ ގޮތުން އެ ޖަމާއަތުގެ އެތައް ސަތޭކަ ހަނގުރާމަވެރިން މިހާރު ވަނީ ޕަންޝިރު ވެލީއަށް މިސްރާބު ޖަހާފައެވެ.

"ސަރުކާރުގެ އޮފިޝަލުން ސުލްހަވެރިކަމާއެކު އެސަރަހައްދު ތާލިބާނާ ހަވާލު ނުކުރުމުން މިހާރު އިސްލާމިކް އެމިރޭޓްސްގެ އެތައް ސަތޭކަ މުޖާހިދީން އެސަރަހައްދަށް އެބަދޭ،" ތާލިބާނުން ބުންޏެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ޕަންޝިރްގައި އެގައުމުގެ ކުރީގެ ސަރުކާރުގެ ސިފައިންތަކެއް ވަނީ "އެންޓި-ތާލިބާން" ޖަމާއަތެއް ހަދާފައެވެ.

އެ ޖަމާއަތް ހިންގާ ފަަރާތް ކަމަށްވާ އަހްމަދު މަސްއޫދު ވަނީ ތާލިބާނާ އެކީ ސުލްހަވެރިކަމާއެކު ވާހަކަ ދެކެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެހެން ނޫން ނަމަ ހަނގުރާމަ ކުރަންވެސް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

"ތާލިބާނަށް ކުރިއަށް ދެވެން އޮތް ގޮތަކީ އަހަރެމެންނާވެސް އެއްބަސްވެގެންކަން އެޖަމާއަތަށް އެގެންވާނެ،" މަސްއޫދު ބުންޏެވެ.

ތާލިބާނުން އެ ޖަމާއަތުގެ މީހުން ޕަންޝިރަށް ގޮސްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް މަސްއޫދުގެ އަރިސް ފަރާތަކުން ވަނީ ތާލިބާނުގެ ހަނގުރާމަވެރިން އެހިސާބަކަށް އަރާފައި ނުވާ ކަމަށް ބުނެފައެވެ. އަދި އެހިސާބުގައި އެއްވެސް ހަނގުރާމައެއް ހިނގާ ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ބުނެފައެވެ.

ތާލިބާނުން ބުނާ ގޮތުގައި އެ ޖަމާއަތުގެ ވެރިކަމުގައި އެގައުމުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހުސާސު ކުރެވޭނެއެވެ. އަދި އެ ޖަމާއަތުން މިހާރު ދަނީ، 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހަނގުރާމަ ތަޖުރިބާކޮށްފައިވާ އަފްގާނިސްތާނަށް ސުލްހަ ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރު އެގައުމުގެ ގިނަ ރައްޔިތުން ދަނީ ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.