23 Aug 2021, 11:52
ކޮވިޑް ޖެހިގެން ނިޔާވާ މީހުން ތަޔައްމަމު ކޮށްގެން ހިނެވުމުގެ ބަދަލުގައި ހިނަވައިގެން ވަޅުލާ ގޮތަށް އުސޫލު ބަދަލުކޮށްފައި ވަނީ ރައްކާތެރިކަމުގެ ހާއްސަ ތަމްރީނުތަކެއް ދިނުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
"ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާނު ވިދާޅުވީ، މާލެއާއި އަތޮޅުތެރެއިންވެސް އެ މަސައްކަތަށްޓަކައި މީހުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. ތަސްލީމާ ބުނިގޮތުގައި ކޮންޓިނިއަސް ޓްރެއިނިންގްއެއް ގޮތަށް މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ 50 މީހުން އެ މަސައްކަތަށް ތަމްރީނު ކޮށްފައެވެ.
"ނޯމަލް ސިސްޓަމެއްގެ ތެރެއަށް ދާތީވެ، އަދި މީހުން ވެކްސިން ކުރެވިފައި ހުރީމަޔާއެކު ދެން އަޅުގަނޑުމެން ހުންނާނެ ކްރައިޓީރިއާތަކެއް، ވެކްސިނޭޝަން މީހުއް ލައްވާ ހިނެވުމާ، ދެން އަދި އުމުރާ އެއްޗެއްސަށްވެސް ބަލާފަ،" ތަސްލީމާ ވިދާޅުވިއެވެ.
މީހުން ތަމްރީނު ކޮށްފައި ވަނީ ރައްކާތެރިކަމާއެކު ހިނެވުމަށެވެ. އެގޮތުން ޕީޕީއީއަށާއި ޑިސްއިންފެކްޝަންގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް ފަދަ ކަންކަމުގެ މައްޗަށެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި ބަދަލު ގެނައީ ޑޮކްޓަރުންނާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
މި ބަދަލު ގެނެސްފައި ވަނީ ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ހިނަވާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ އެކީގައިކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން ޖުމްލަ 223 މީހަކު މަރުވެފައިވެއެވެ. އޭގެތެރެއިން އާ އުސޫލުގެ ދަށުން ހިނަވާފައި ވަޅުލީ އިއްޔެ މަރުވި މީހާ އެކަންނެވެ.