ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލުކުރަނރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ފެށި ޕެޓިޝަންގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރަކު ސޮއިކޮށްފިއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނިޝާން އިބްރާހީމް ހުށަހަޅާފައިވާ އެ ޕެޓިޝަނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އޭނާ މިއަދު "ސަން" އަށް ވިދާޅުވީ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެެއް ލިބެމުންދާ ކަމަށާއި، އެގޮތުން މަޖިލީހުގެ އިތުރު މެމްބަރު ންވެސް ކުރިއަށް އޮތްތަނުގައި ސޮއިކުރާނެކަަމަށެވެ.

މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ މަޖިލީހުގެ އަށް މެމްބަރު ންނަކީ،

  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)

  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
  • މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

ޕެޓިޝަންގައި ސޮއިކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަަމަށް ވާތީ، މިހާތަަނަށް ސޮއިކުރި ޖުމްލަ މީހުންގެ އަދަދު ދަންނަވަން އަދި ދަތި ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި މިހާރު އެ ފޯމުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނިޝާން ވިދާޅުވިއެވެ.

އެހެންނަމަވެސް އުންމީދުކުރި ވަރަށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ސޮއިކުރުމުންދާ ކަމަށާއި، ޓާގެޓު ހާސިލުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ޕެޓިޝަންގެ އަމާޒަކީ 100 ދުވަސް ތެރޭ، އެއްލައްކަ މީހުންގެ ސޮއި ހަމަކުރުންކަން އޭނާ ފަހަގަކުރެއްވިއެވެ.

"މި ވީ ގާތްގަނޑަކަށް 36 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއަށް އެ ޕެޓިޝަން ފަތުރާލެވިއްޖެ. ފުރަތަމަ ފެށިއިރު ހީކުރި ވަރަށް ވުރެ ރާސްލައިފަ، ތަންކޮޅެއް ބޮޑު ތަރުހީބެއް އެބަ ލިބޭ. މިހާރުވެސް އޮތީ ސޮއިކުރަން ބޭނުންވާ އެންމެންނާ ހަމައަށް އެ ފޯރުކޮށް ނުދެވިފަ. އެހާ ތަރުހީބު އެބަ އޮތް." ނިޝާން ވިދާޅުވިއެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުން މާލެ ސިޓީގެ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް ނިޝާން އިތުރަށް ވިދާޅުވިއެވެ.