23 Aug 2021, 10:54
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް މުސާރަ ލިބޭގޮތަށް ސަސްޕެންޝަނުގައި ހުންނަތާ އަށް މަސްދުވަސް ވެއްޖެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ބަލުމުން ގެންދިޔަ މައްސަލައަކާ ގުޅޭ ގޮތުން ކަމަށް ބުނެ ހަލީމް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ސަސްޕެންޑުކޮށްފައި ވަނީ މައްސަލަ ބަލައި ނިމެންދެން މުއްދަތެއް ނެތް ގޮތަަށެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަ ނިންމައި މިހާރު އޭގެ ރިޕޯޓު މަޖިލީހުގެ ރައީސް އަށް އަރުވާފައިވާ ކަމަށެވެ.
ނަމަވެސް އެކަމަށް ގޮތެއް ނުނިމޭތީ، ހަލީމު އަދިވެސް ހުންނެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަނުގައި ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތްކުރައްވާފަ އެވެ.
ސާޖެންޓް އެޓް އާމްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް، މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.