ފްރެންޗް ލީގުގައި މާސޭ އަދި ނީސް ބައްދަލު ކުރި މެޗުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ސަޕޯޓަރުން ދަނޑުމައްޗަށް އެރުމުން މެޗު ސަސްޕެންޑް ކޮށްފިއެވެ.

ލީގުގެ ތިންވަނަ މެޗުގައި ރޭ މާސޭއާއި ނީސް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލު ނުޖެހިއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 49 ވަނަ މިނެޓުގައި ނީސްއިން ގޯލު ޖަހައި ލީޑު ނެގިއެވެ. އެ ގޯލު އެ ޓީމަަށް ޖަހައިދިނީ ކެސްޕާ ޑޮލްބާގްއެވެ.

ނީސްގެ ގޯލަށްފަހު މެޗުގެ އޮއެވަރު ބަދަލުވެ ކުޅުމުގެ ފޯރި ހިއްޕާލާފައިވަނިކޮށް މެޗު އިތުރަށް ހޫނުވެގެން ދިޔައީ މާސޭގެ ކޯނަރެއް ނަގަން ގޮސް ހުރި ޑިމިޓްރީ ޕަޔެޓަށް ސަޕޯޓަރަކު ފެންފުޅިއަކުން ހަމަލާ ދިނުމުންނެވެ. އަދި ރައްދުގައި ޕަޔެޓް އެ ފެންފުޅި އަނބުރާ ސަޕޯޓަރުންނާ ދިމާލައަށް އެއްލާލުން ވެގެން ދިޔައީ ސަޕޯޓަރުން އިތުރަށް ކައްކުވާލި ކަމަކަށެވެ.

އެއާ އެކު ނީސްގެ ސަޕޯޓަރުން ސެކިއުރިޓީ ފަޅާލައި ފެންސް މަތިން ދަނޑުމައްޗަށް އަރައިގަނެ ހަމަނުޖެހުން އުފެއްދުމާ އެކު މެޗުގެ ރެފްރީ ވަނީ ވަގުތީ ގޮތުން މެޗު މެދުކަނޑާލައިފައެވެ. އެހެން ކަމުން ހުރިހާ ކުޅުންތެރިން ދަނޑުން ފައިބާ ސަޕޯޓަރުން ދަނޑުން ފައިބަންދެން މަޑު ކުރަން ރެފްރީ އެންގިއެވެ.

ހަމަނުޖެހުން ހިނގިތާ ގަޑިއިރެއްހާ ފަހުން މެޗު އަލުން ފެށުމަށް މެޗު ކޮމިޝަނުން ނިންމާ ދެ ޓީމަށް އެކަން އިއުލާން ކުރުމުން ނީސްގެ ކުޅުންތެރިން ވަނީ ދަނޑަށް ނުކުމެ ވާމް އަޕް ވެސް ކޮށްފައެވެ. އެކަމަކު މާސޭގެ ކުޅުންތެރިން އަނބުރާ ދަނޑުމައްޗަށް ނައުމުން މެޗު ވަނީ ސަސްޕެންޑް ކޮށްފައެވެ.

މާސޭގެ ރައީސް ޕަބްލޯ ލޮންގޯރިއާ ބުނީ އެ ޓީމުގެ ކުޅުންތެރިން އަނބުރާ ދަނޑަށް ނުދިޔައީ މެޗުގެ ސަލާމަތީ ކަންކަން ބޮއްސުންލައި ކުޅުންތެރިންނަށް އެއްވެސް ހުރަހަކާ ނުލައި މެޗު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ނެތުމުންކަމަށެވެ.