23 Aug 2021, 08:59
ބްރެޒިލުގެ އަރަމުން އަންނަ ތަރި ވިނިޝަސް ޖޫނިއާގެ ދެ ލަނޑާއެކު ލެވަންޓޭ އަތުން ރެއާލް މެޑްރިޑް އުނދަގޫ ޕޮއިންޓެއް ހޯދައިފިއެވެ.
ލެވަންޓޭގެ އަމިއްލަ ދަނޑުގައި ރޭ ފޯރިގަދަ މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ރެއާލް ދެވަނައަށް އެރި އިރު، ލެވަންޓޭވެސް ހަތަރު ޕޮއިންޓް ހޯދައިގެން މިވަގުތު އޮތީ ފަސްވަނައިގަ އެވެ. ބާސެލޯނާއާއި މަޔޯކާވެސް ހަތަރު ޕޮއިންޓް ހޯދާފައި އޮތް އިރު، މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އެކަންޏެވެ.
ލީގު ހުޅުވި މެޗުގައި އަލަވެސް އަތުން 1-4 ގެ ނަތީޖާއަކުން ކުރި ހޯދި ރެއާލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ލީޑު ނަގައިފައެވެ. ކަރީމް ބެންޒެމާ ދިން ބޯޅައަކުން އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލޯން އެއްބަސްވުމެއްގައި ޓޮޓެންހަމަށް ކުޅުމަށްފަހު އެނބުރި އައި ގެރެތު ބޭލްއެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ލެވަންޓޭއިން މަތިމައްޗަށް ޖެހި ދެ ގޯލުންނެވެ. ދެވަނަ ހާފުގެ ދެވަނަ މިނަޓުގައި ލެވަންޓޭގެ ރޮޖާ އެ ޓީމަށް އެއްވަރުކޮށްދިން އިރު، އޭގެ 10 މިނަޓު ފަހުން ލީޑު ނަގައިދިނީ ހޯސޭ ކަމްޕަނާއެވެ.
ލެވަންޓޭގެ ގޯލުތަކަށްފަހު ރެއާލުން ވަނީ އެއްފަހަރާ ތިން ބަދަލު ކޮށްފައެވެ. އެގޮތުން އިސްކޯ އަދި އެޑެން ހަޒާޑުގެ އިތުރުން ބޭލްގެ ބަދަލުގައި މާކޯ އެސެންސިއޯ، ރޮޑްރީގޯ އަދި ވިނިޝަސް ޖޫނިއާ ވަނީ ކުޅެން ނުކުމެފައެވެ.
ކުޅެން ނުކުންތާ މާ ގިނައިރުތަކެއް ނުވަނީ ވިނިޝަސް ވަނީ ތަފާތު ދައްކައި ރެއާލަށް ނަތީޖާ ހަަމަހަމަ ކޮށްދީފައެވެ. އެކަމަކު ރައްދުގައި ލެވަންޓޭއިން އަނެއްކާވެސް ލަނޑެއް ޖަހައި ރެއާލަށް މެޗު އުނދަގޫ ކޮށްލިއެވެ. އެ ގޯލު އެ ޓީމަށް 79 ވަނަ މިނަޓުގައި ޖަހައިދިނީ ރޮބާއެވެ.
ލެވަންޓޭއިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައިވަނިކޮށް މެޗު ނިމުމުގެ ކުރިން ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނިޝަސްގެ ދެވަނަ ގޯލުންނެވެ.
އެއަށްފަހު ރެއާލުން އުފެއްދި ކައުންޓާ އެޓޭކެއް ހުއްޓުވުމަށް އޭރިއާ ބޭރުން ބޯޅައިގައި އަތުން ޖެއްސުމުން ވެލެންސިއާގެ ކީޕަރު އަލްތޯއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.