ކާބުލް (އޮގަސްޓް 23): އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުން އެކި ސަބަބުތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބަޔަކަށް އެގައުމުގައި މިހާރު ވެރިކަންކުރާ ތާލިބާން ޖަމާއަތުން މައާފް ދީފިއެވެ.

ތާލިބާނުންގެ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި އަފްގާން ޖަލުތަކުގައިވާ ނުރައްކާތެރި ނޫން ގައިދީންގެ ތެރެއިން އެތައް ސަތޭކަ ބަޔަކަށް މައާފުދީ އެމީހުން މިނިވަން ކުރުމަށް ތާލިބާނުން ނިންމާފައިވާ ކަމަށާއި މިހާތަނަށް 350 ގައިދީއަކު މިނިވަން ކޮށްފައިވާ ކަމުގައެވެ.

އަދި ތާލިބާނުން އަސީރުކޮށްފައިވާ އަފްގާން ހާއްސަ ލަޝްކަރުތަކަށް ނިސްބަތްވާ ސިފައިންގެ 145 މީހަކުވެސް މިނިވަން ކޮށްފައިވާކަން ތާލިބާނުން ވަނީ ކަށަވަރުކޮށްފީފައެވެ.

ނަމަވެސް ތާލިބާނުން ވަނީ އަފްގާނިސްތާނުގައި އެކިއެކި ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ތާލިބާނުންގެ ތަރުޖަމާން މުހައްމަދު ނައީމް ބުނެފައިވަނީ އަފްގާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގައެވެ. އެފަދަ އަމަލުތައް ހިންގާ މީހުންގެ ތެރޭގައި ތާލިބާނުންގެ މެންބަރުން ހިމެނޭނަމަ އެމީހުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެކަން ނައީމް ވަނީ ކަށަވަރުކޮށްދީފައެވެ.

އަނެއްކޮޅުން ތާލިބާނުންވަނީ އަފްގާނިސްތާނުން ބޭރަށް ގޮސްފައިވާ އެގައުމުގެ ސިޔާސީ މީހުންނާއި އަދި އާންމުންނަށްވެސް އެނބުރި ގައުމަށް އައުމަށް ގޮވާލާފައެވެ. އެނބުރި ގައުމަށް އަންނަ މީހުންނަކީ އަފްގާން ކުރީގެ ސަރުކާރުތަކާ އަދި އެމެރިކާގެ އިސްތިއުމާރީ ބާރުތަކާ ގުޅިގެން ތާލިބާނުންނަށް ހަމަލާދިނުމުގައި ޝާމިލްވާ ފަރާތްތަކެއް ނަމަވެސް އެފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން ތާލިބާނުންގެ ތަރުޖަމާނެއްކަމަށްވާ މުހައްމަދު ނައީމް ވަނީ ދީފައެވެ.

ތާލިބާނުންގެ މި ގޮވާލުމާ ގުޅިގެން އަފްގާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރެއްކަމަށްވާ މުހައްމަދު ހަނީފް އާއި އޭނާއާއި އޭނާއަށް ސަޕޯޓް ކުރާ މީހުން އެނބުރި ގައުމަށް އަންނާނެކަން ތާލިބާނުންނަށް އަންގާފައިވާ ކަމަށް އެޖަމާއަތުގެ މަސްއޫލުވެރިއެއް ކަމަށްވާ ހަލީލުއްރަހްމާން ހައްގާނީ ކަށަވަރު ކޮށްދީފައިވެއެވެ. ތާލިބާނުން ވަނީ އަފްގާނިސްތާނުގެ އަމީރު ކަމަށް އެ ޖަމާއަތުގެ ސިޔާސީ އެންމެ އިސްވެރިޔާ މުއްލާ އަބްދުލް ގަނީ ބަރާދަރު އައްޔަންކޮށްފައެވެ.