ސަންޢާ (ފެބްރުއަރީ 22) : ޔަމަންގެ އިންތިޤާލީ މަރްޙަލާގެ ރައީސަކަށް ޢަބްދުރައްބުމަންސޫރު ހާދީ ހުންނެވުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްނެގި ވޯޓުގުނަމުންދާއިރު އޭނާއަށް އަޣްލަބިއްޔަތު ލިބުމުގެ ފުރްސަތު ބޮޑުކަމަށް ޔަމަންގެ އިންތިޚާބުތަކާބެހޭ ކޮމިޓީން ބުނެފި އެވެ.

ޔަމަންގެ އިންތިޚާބާބެހޭ ކޮމިޓީގެ އިސްމަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ފެންނަނުފެންނަ މިވޯޓުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް ބައިވެރިވެފައިވާ އިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ޢަބްދުރައްބުމަންސޫރު ހާދީ ރައީސަކަށް ހުންނެވުމަށް ފެންނަ ވޯޓުތައް ގިނަކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވެރިކަމުން ދުރުކުރުމަށް ޓަކައި މީގެ އަހަރެއްހާ ދުވަސްކުރިން އެޤައުމުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑު ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން އިންތިޤާލީ މަރްޙަލާގައި ހުންނަވާނީ ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިބޭގޮތަށް އިންތިޚާބުކުރެވޭ ވަގުތީ ރައީސެވެ. ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިބޭގޮތަށް އިޚްތިޔާރުކުރެވުނު ކެންޑިޑޭޓަކީ ނައިބުރައީސް ޢަބްދުރައްބުމަންސޫރު ހާދީއެވެ.

ޔަމަންގެ މައްސަލަ ޙައްލުކުރުމުގެ ޕެލޭންގެ ދަށުން ރައީސް ޢަލީ ޢަބްދުﷲ ސާލިހް ގެ ވެރިކަމުގެ ބާރުތައް މިގެ ދެމަސްބައިކުރިންވަނީ ނައިބުރައީސް ޢަބްދުރައްބުމަންސޫރު ހާދީ އާ ޙަވާލުކުރެވިފައެވެ. އެއަށްފަހު ސާލިޙް ހުންނަވަނީ ހަމައެކަނި ރަމްޒީ ވެރިއެއްގެ ގޮތުގައެވެ. ހާދީ އިންތިޚާބުވުމާއެކު ރައީސް ޢަލީ ޢަބްދުﷲ ސާލިޙް މަޤާމުން އިސްތިއުފާދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބޭސްފަރުވާއަކަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ސާލިޙްވަނީ އޭނާގެ ވެރިކަން ސުލްޙަވެރިކަމާއެކު ބަދަލުވެގެން ދިޔުމަށް އެއްބާރުލުން ދިނުމަށް އޭނާއަށް ތާއިދުކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވެރިކަމުން ދުރުކުރުމަށް ޓަކައި މީގެ އަހަރެއްހާ ދުވަސްކުރިން އެޤައުމުގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުގައި މިހާތަނަށް ހާހަކަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

ޔަމަންގައި އިއްޔެ ނިމުނު ފެންނަނުފެންނަ ވޯޓުގައި ބައެއް ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި އެކަކު މަރުވެފައިވެއެވެ. (އަލްޖަޒީރާ)