22 Aug 2021, 21:25
ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތެއްގެ ނުރައްކާތެރި ބޯވައެއް ބައެއް ސަރަހައްދުތަކުން ފެންނާތީ ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއާރުއައި އިން ބުނި ގޮތުގައި، ރާއްޖެއިން ފެންނަ ބާވަތްތަކަށް ވުރެ ސައިޒުން ކުޑަ 'ބްލޫރިންގްޑް އޮކްޓޮޕަސް' ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮންމެވެސް މިންވަރަކަށް ފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.
އެ ބޯވަައަށް އެ ނަން ދީފައި ވަނީ، އެއަށް ނުރައްކާ އިހުސާސުވުމުން އޭގެ ހަންގަނޑަށް ގަދަ ނޫކުލައިގެ ވަށް ބޮޅުތަކެއް އަރުވާތީއެވެ. އަދި އެ ބޯވަ ކާނާ ހޯދުމަށާއި ނުރައްކަލުން ދިފާއު ވުމަށްޓަކައި ނިއުރޯޓޮކްސިންއެއް ނުވަތަ ނާރުތަކަށް ހަމަލާދޭ ވިހައެއް ބޭރުކުރެއެވެ.
އެގޮތުން އެ ބާވަތުގެ ބޯވައިގައި އަތްލާ، ހިފާ އުޅޭ ނަމަ އިންސާނުންގެ ގައިގައި ދަތް އަޅާ، ވިހަލުން އެކަށީގެންވާ ކަމަށް އެމްއެމްއާރުއައި އިން ބުންޏެވެ.
އެ ވިހަ ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގި ދިއުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި ބޯ އަނބުރާ، ހޮޑުލަވާ ގޮތްވުމާއި ހިތް ހުއްޓުމަށްވެސް މަގުފަހި ވެދާނެއެވެ.
މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ގުނަވަނަކުން ވާގި ދިޔުމުން މަރުވުންވެސް އެކަށީގެންވާ ކަމަށް އެމްއެމްއާރުއައި އިން ބުންޏެވެ.
އެހެންކަމުން އެ އިންސްޓިޓިއުޓުން ލަފާ ދެނީ އެބާވަތުގެ ބޯވަ ހިފަން ނޫޅުމަށާއި އެއްވެސް ގޮތަކަށް އަތް ނުލުމަށެވެ. އަދި ބޯވަ ދަތްއެޅިކަން އިހުސާސު ނުވި ނަމަވެސް، ވިހަލީ ކަމަށް ގަބޫލު ކުރެވި، އަލާމާތްތައް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށެވެ.
ބްލޫރިންގްޑް އޮކްޓޮޕަސް ދަތް އަޅައިފި ނަމަ، ހަށިގަނޑުން ވިހައިގެ އަސަރު ފިލަންދެން ވެންޓިލޭޓަރަށް ލާން ޖެހޭނެއެވެ. އާއްމު ގޮތެއްގައި އެ ވިހައިގެ އަސަރު ފިލަން ނަގާނީ 24 ގަޑިއިރެވެ.