ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލިޖޮންގްގެ ދައުރު މިދިޔަ އޭޕްރީލް މަހު ހަމަވި ފަހުން، އެގައުމުން ރާއްޖެއަށް އާ ސަފީރަކު އައްޔަންކޮށްފިއެވެ.

ޗައިނާއިން އައްޔަން ކުރި އާ ސަފީރު ވާންގް ލީޝިން ޓްވިޓާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި އޭނާ މިހާރު ހުންނެވީ ރާއްޖޭގައެވެ. އަދި ރާއްޖެ އާއި އެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ރޭ ރާއްޖެ ވަޑައިގެންނެވިކަން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވަނީ މިއަދު "ސަން"އަށް ވިދާޅުވެފައެވެ.

ނަމަވެސް އާ ސަފީރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަތްކޮޅު އަރުވާނެ ތާރީހެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.

ދެހާސް ސަތާރައިން ފެށިގެން ޗައިނާގެ ސަފީރުގެ ގޮތުގައި ރާއްޖޭގައި ހުންނެވި ޖަންގް މިހާރު ހުންނަވަނީ ޔުގަންޑާގެ ސަފީރުގެ ގޮތުގައެވެ.