ވޮޝިންގޓަން (ފެބްރުއަރީ 22) : ސޫރިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ނުފެނިއްޖެނަމަ އެހެންގޮތަކަށް ވިސްނަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާ ދީފިއެވެ.

ވައިޓްހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ ސޫރިޔާގެ ދާޚިލީ މައްސަލައަށް ސިޔާސީ ނޫންޙައްލެއް ގެނެވޭނެކަމަށް ނުފެނުނު ނަމަވެސް ސިޔާސީ ޙައްލެއް ނުގެނެވިއްޖެނަމަ ކޮންމެދުވަހަކު އޮހޮރުވެމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށްޓަކައި އެނޫންޙައްލެއް ގެނައުމާމެދުވެސް ވިސްނަން ޖެހިފައިވާ ކަމުގައެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލެންޑްވަނީ ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި އެޤައުމުގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދޭނެޖެހިދާނެކަމުގެ އިންޒާރު ނުސީދާގޮތަކަށް މިއަދު ދެއްވާފައެވެ. ނަމަވެސް އެމެރިކާ ސިފައންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާރޓިން ޑިމްޕްސީވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ އަލްޤާޢިދާއާ ގުޅުންހުރިކަމުގެ ހެކިތައް ހުރިކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު އެހެންގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ޑިމްޕްސީ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަކީ ކޮންފިކުރެއްގެ ބައެއްކަން އެމެރިކާއަށް ރަނގަނޅަށް އެނގެންޖެހޭ ކަމަށާއި އެމީހުންގެ ފަހަތުގައި އަލްޤާޢިދާވާކަން ނުވަތަ ނޫންކަން ކަށަވަރުވާންޖެހޭ ކަމުގައެވެ. އެމެރިކާގެ ވާހަކަތައް މިގޮތަށް ހުރެފައި ސޫރިޔާ ސަރުކާރާ ދެކޮޅަށް އެމެރިކާ މާބޮޑު ފިޔަވަޅުތަކެއް އަޅަމުންނުދާތީ ސޫރިޔާ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ މީހުން މެރުމުގެ ޢަމަލުތަކާއި ލޭއޮހޮރުވުންތަކާ ދެކޮޅަށް އެމެރިކާ ދައްކަމުން ގެންދަނީ އިޚްލާސްތެރި ވާހަކަތަކެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާ ޖެނެރަލް ޑިމްޕްސީވަނީސަޢޫދީ އަރަބިޔާއާއި އީރާނުގެ ވާދަވެރިކަން ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވަދެފައިވާކަން ހާމަކުރައްވައި މިކަމުގެ ސަބަބުން މައްސަލަ ޙައްލުކުރަން އިތުރަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)