22 Aug 2021, 16:46
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ކުދިންގެ އަދަދު 20،239 އަށް އަރައިފިއެވެ.
މިއީ ރާއްޖޭގެ މި އުމުރުފުރައިގެ އާބާދީގެ ތެރެއިން 50 ޕަސެންޓު އާބާދީއަށް ވުރެ އިތުރު އަދަދެކެވެ.
ސުކޫލް ކުދިންނަށް ވެކްސިން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީން ވަނީ ވެކްސިން ދިނިމުގެ ޕްރޮގްރާމެއް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފަށާފައެވެ.
އަދި މި ޕްރޮގްރާމަށް އަތޮޅުތަކުންނާއި މާލެއިންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ.
މިހާރު ރާއްޖޭގައި ދެމުން އަންނަ ފައިޒާ ވެކްސިންއަކީ އެމެރިކާގެ އެހީގައި ރާއްޖެ ގެނައި 128،600 ޑޯޒުގެ ފައިޒާ ވެކްސިނެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ނިންމާފައެވެ.
ސަރުކާރުން ބުނީ ސަރުކާރުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދީ ނިންމުންކަމަށެވެ.