22 Aug 2021, 13:37
ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން ރާއްޖޭގެ ހަ ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.
ބީއެމްއެލް އިން ބުނީ އެ ހަރަކާތްތައް ހިންގާފައިވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކަަމަށެވެ. އެގޮތުން އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައެވެ.
އެ ޕްރޮޖެކްޓުގެ ތެރެއިން، ފުނަދޫގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްގީކޮށްފައެވެ. އަދި އެތަން ސާފުކޮށް، ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފައެވެ.
އަދި ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފައެވެ.

މަނަދޫގައި ބީއެމްއެލް މުވައްޒަފުން ހަރުކުރި އުނދޯލިތައް--- ފޮޓޯ/ބީއެމްއެލް
ނިލަންދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ނިލަންދޫ ބީޗް ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކުރުމުގެ އިތުރުން ބާބަކިއު ސްޓޭންޑެއް ބަހައްޓާފައެވެ.
ގުރައިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެރަށުގެ ޔޫތު ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި އެ ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައިވާއިރު، ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ގުޅިގެން ވަނީ 'ހަންކެޑަ' ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މި ގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި އެ ސަރަހައްދު ފާހަގަ ކުރުމަށް ނަން ބޯޑު ބަހައްޓާފައިވެއެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގި ހަރަކާތްތަކެއް ކަމަށެވެ.
މިއަހަރުގެ މާޗު މަހުގައިވެސް ބޭންކުގެ މުވައްޒަފުންވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފައެވެ.