22 Aug 2021, 13:33
މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 27 ގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު "ސަން" އަށް ވިދާޅުވީ މި އަހަރު ފަތުރުވެރިކަމުގެ ދުވަސް އައްޑޫގައި ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު ތިނެއްގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް އައްޑޫސިޓީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަަމަށް ފަރުހާދު ވިދާޅުވިއެވެ.
މިދިޔަ އަަހަރު ކޮވިޑުގެ ހާލަތާ ގުޅިގެން ޓޫރިޒަމް ދުވަހުގެ އެއްވެސް ހަރަކާތެއް ނުބޭއްވުނުކަން ފާހަގަކުރައްވައި ފަރުހާދު ވިދާޅުވީ ހާލަތަށް ރިއާޔަތްކޮށް މި އަހަރު ބޭއްވުމަށް ނިންމާފައިވާ ހަރަކާތްތަކަށްވެސް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ޝެޑިއުލް ފައިނަލް ކުރިކަމުގައި ވިޔަސް ކޮވިޑްގެ ހާލަތާ ގުޅިގެން ހަމަ އެންމެ ފަހު ވަގުތުވެސް ޗޭންޖު އައިސްދާނެ ކަންތައްތަކެއް،" ފަރުހާދު ވިދާޅުވިއެވެ.
މިނިސްޓްރީގެ އިވެންޓުތައް ރާވާފައިވަނީ ރަށްރަށުގެ ކޮވިޑުގެ ހާލަތައް ރިއާޔަތްކޮށް ނިއު ނޯމަލް އަށް ފޯކަސްކޮށްގެން ކަަމަށް ފަރުހާދު އިތުރަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދުވަހު އައްޑޫގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް:
27 ސެޕްޓެމްބަރު: މެރަތަން
- 28 ސެެޕްޓެމްބަރު: ފޮޓޯ ކޮމްޕެޓިޝަން
- 28 ސެޕްޓެމްބަރު: އައިލެންޑް ކްރޮސިން ރޭސް
- 29 ސެޕްޓެމްބަރު: ބީޗް ކްލީނިން
- 30 ސެޕްޓެމްބަރު: ވޯޓާ ސްޕޯޓްސް ކާނިވަލް
- 1 އޮކްޓޫބަރު: ޖޮބް ފެއާ
- 2 އޮކްޓޫބަރު: ޗިލްޑްރެންސް ފެސްޓިވަލް
- 3 އޮކްޓޫބަރު: ސަގާފީ ހަރަކާތްތައް
- 3 އޮކްޓޫބަރު: ޓޫރިސްޓު މެޕިން